ގދ. ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރާފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 92 ސާމްޕަލްއެއް ނަގާފައި ވާއިރު އޭގެ ޕޮޒިޓިވް ވެފައި ވަނީ 18 މީހުންނެވެ.

މިހާތަނަށް 4780 ސާމްޕަލް ނަގާފައިވާއިރު 102 ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 290 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިބަލިން 288 މީހުން ރަނގަޅު ވެފައިވާއިރު ފެސިލިޓީގައި 5 މީހަކަށް ފަރުވާދެމުންދާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ކޮވިޑުގައި ތިނަދޫ އިން ވަނީ އެކަކު މަރުވެފައެވެ.

ތިނަދޫން ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން، އެޗްޕީއޭ އިން އޭޕްރިލް 25، 2021 އިން ފެށިގެން ރަށް މޮނިޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވަމުން ދާތީ އެޗްއީއޯސީ އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު، މޮނިޓަރިން ހަލަތު އުވާލަން ދެން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން ސައިހޮޓާ ރެސްޓޯރަންޓްތަކުން އާއްމު ހިދުމަތް ދިނުން މެދުކަނޑާލުމާއެކު، ރައްކާތެރިކަމާއެކު ކާބޯތަކެތި ޑެލިވަރީކުރުމުގެ ހިދުމަތް ދިނުމަށް ވަނީ ފަށާފައެވެ. އަދި ފިހާރަތަކުން ރައްކާތެރިކަމާއެކު ޑެލިވަރީ ހިދުމަތް ދިނުމާއި، ފައިސާ ބަލައިގަތުމުގައި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ވަނީ ހަދާފައެވެ. ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ.

އޭގެ އިތުރުން ބިއުޓީ ސެލޫންތައް / ބޯކޮށާ ތަންތަން މެތަންތަން ބަންދު ކުރުމާއި ކަސްރަތު ކްލާސްތަކާއި، ޖިމް، އަދި ހުރިހާ ކުޅިވަރު ކޯޓްތަކާއި ކުޑަކުދިންގެ ޕާކްތަކާއި، މިއުޒިއަމް ޕާކްތައް ވަނީ ބަންދުކޮށްފައެވެ. އަދި ސްކޫލްތަކާއި، ކޮލެޖް ޔުނިވާސިޓީ އަދި ޓިއުޝަންކުލާސްތަކާއި ޤްރުއާން ކުލާސްތައް އޮންލައިންކޮށްކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.