ރަހީނުކޮށްގެން އަނިޔާކޮށް މަރާލި 13 އަހަރު ކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލަގައި ތުހުމަތު ކުރެވޭ ކަމަށް ދެ މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެތެރެއިން 17 އަހަރުގެ ކުއްޖަކު ހިމެނެއެވެ. އޭނާގެ ބަންދަށް މިއަދު 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި މި މައްސަލައިގައި ދެން ހައްޔަރު ކުރި 27 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ އެ މައްސަލައިގައި ހެންވޭރުގައި ހުރި ގެއެއް ބަލާ ފާސް ކުރުމަށް ފަހުއެވެ.
މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި މަޖިލިސް ވަނީ ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. މި މަޖިލިސް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ކުޑަކުއްޖެއްގެ ހައްގު އެކުލެވޭ މައްސަލައަކަށް ވާތީ އެ ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށްޓަކައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު އެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުް ދަނީ މި މައްސަލަ ތަހުގީގުކޮށް ހެއްކާއި ގަރީނާ އެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގެ އިތުރު މައުލޫމާތު އެއްވެސް ފަރާތަކަށް އެނގޭ ނަމަ ފުލުހުންނަށް ގުޅައިގެން އެ މައުލޫމާތެއް ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލައަކީ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި 13 އަހަރު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.