ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މެންބަރު ހިސާން ހިސާން ހުށަހެޅުއްވި ބިލަށް އިސްލާމިކް މިނިސްޓްރީން 3 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާމެދު މިނިސްޓްރީގެ ރައުޔު ހޯދުމަށް މަޖިލީހުން ފޮނުވުމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންނާއި ގާނޫނީ ވަކީލުންނާ މަޝްވަރާކޮށް އެ ބިލު ފާސްވެގެން އަންނަ އިރު ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ބުރޫއަރާ، ރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ.

އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މިނިސްޓްރީގެ ރައުޔު ބިނާކޮށްފައި ވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުން ލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާ، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާ ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސް އެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާ، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭ ހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ދެކޭ ކަމަށެވެ.

އޭގެ އިތުރުން އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއް ގައުމުތަކުން ނުވަތަ ޖަމާއަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާ ހިނދު އެކަމާ ދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް ހިމެނޭގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގްވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށްވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މުޖުތަމައުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެވެ. އަދި އެފަދަ އެއްވެސް އަމަލަކީ މި މިނިސްޓްރީން ބަލައިގަނެ ތަރުހީބު ދޭނޭކަންކަމެއް ނޫނެވެ.
އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން އިތުރަށް ބުނީ އިސްލާމް ދީނާ ގުޅުންހުރި އެފަދަ މުހިންމު ބިލެއް ފާސްކޮށް ގާނޫނަކަށް ވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީގެ ރައުޔު އޮޅުން ފިލުއްވުމަކީ އެ މަޖިލީހުން ކުރި ރަނގަޅުކަމެއް ކަމަށެވެ. އަދި އެ ބިލު ގާނޫނަކަށްވެގެން އަންނައިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ލަފާއަށް ބިނާކޮށް މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނާނެކަން ޔަގީން ކުރާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.