ރަހީނުކޮށް މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާ މަރާލައިފައި ވަނީ އެކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާ ކޮށްގެންކަން "ދަ ޕްރެސް" އަށް މައުލޫމާތު ލިބިއްޖެއެވެ.
މިމަހުގެ 20 ވަނަ ދުވަހުން ސުރެ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރުމަާ ގުޅިގެން ފުލުހުން އެ ކުއްޖާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު ފެނިފައި ވަނީ މަރުވެފައި ވަނިކޮށެވެ. އަދި ހަށިގަނޑަށް ވަރަށް ގިނަ އަނިޔާ ވެސް ވަނީ ލިބިފައެވެ. އަދި އެ ކުއްޖާގެ ކަރުގައި އެއްޗެއް އޮޅާ ނޭވާ ހާސްކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަކީ ގޭންގަކަށް ނިސްބަތްވާ މީހުންނާ ގުޅުން ބާއްވާ ކުށުގެ ރިކޯޑްވެސް އޮތް ކުއްޖެކެވެ. އަދި ސުކޫލަށް ދިޔުންވެސް ހުއްޓާލައިފައިވާ ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެކުއްޖާއަކީ މަޑަވެއްޔަށް ނިސްބަތްވާ ކުއްޖެއްކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި އޮތުމާ ގުޅިގެން މަޑަވެލި ކައުންސިލަށް ގުޅާލުމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ، އެކުއްޖާގެ ބައްޕަ ނިސްބަތް ވަނީ މަޑަވެއްޔަށް ނަމަވެސް އެކުއްޖާ އާއި އެކުއްޖާގެ މަންމަ މަޑަވެލި ރަޖިސްޓްރީގައި ނެތް ކަމަށެވެ. އަދި އެ ކުއްޖާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލަށް ނޭނގޭ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
މިކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ރޭ ދަންވަރު 2:38 ހާއިރު ހުޅުމާލެ ފޭސް 2 ގެ މޫދަށް ފޮއްޓަކަށް ލާ އެއްލާލައިފައި އޮއްވައެވެ. އަދި މި މައްސަލައާ ގުޅިގެން ރޭ ހެންވޭރު ގެއެއް ބަލާ ފާސްކޮށްފައި ވާއިރު މި މައްސަލައާ ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ވަނަވަރާއި ފޮޓޯ އާންމު ކުރުމަށް ގޮވާލަމުންނެވެ.