ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، ގައުމުތަކަށް ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މީގެ ކުރިން ކަނޑައެޅި ސުންގަޑިއާ އެގޮތަށް އެކަން ކުރިއަށް ނުގެންދެވިދާނެ ކަމަށް، އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްއިން ހާމަކޮށްފިއެވެ.

އެމެރިކާ ސަރުކާރުން 80 މިލިއަން ޑޯޒްއެއް އެކި އުސޫލުގެ ތެރެއިން ގައުމުތަކަކަށް ހަދިޔާ ކުރަން ނިންމާފައި ވާއިރު، މި ހިނގާ ޖޫން މަސް ނިމޭއިރު ގައުމުތަކަށް އެ ވެކްސިން ފޯރުކޮށްދިނުމަށް ކަނޑައެޅި ސުންގަޑިއަށް ވާސިލުވެވެން ނެތީ، ލޮޖިސްޓިކްސްގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށް ވައިޓްހައުސްއިން ބުނެއެވެ.

80 މިލިއަން ޑޯޒްގެ ތެރެއިން 55 މިލިއަން ޑޯޒްއަކީ، ގައުމުތަކަށް އިންސާފުން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވަލާފައިވާ ބައިނަލްއަގުވާމީ ނިޒާމެއް ކަމަށްވާ، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ގައުމުތަކަށް ފޯރުކޮށްދޭ ވެކްސިން ޑޯޒްތަކެކެވެ. މީގެ 16 މިލިއަން ޑޯޒްއަކީ އޭޝިއާގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައިވާ ޑޯޒްތައް ކަމަށް ވާއިރު، ޖޫން 21، 2021 ގައި ވައިޓްހައުސްއިން އާންމު ކުރި އެލޮކޭޝަން ޕްލޭންގައި ވާ ގޮތުން، ރާއްޖެވެސް ހިމެނެނީ މި ގިންތީގައެވެ.

ބާކީ ހުރި ޑޯޒްތަކަކީ ލެޓިން އެމެރިކާ، އޭޝިއާ، އެފްރިކާ، މެދުއިރުމަތި އަދި ވިލާތުގެ ބައެއް ގައުމުތަކާ އެމެރިކާއިން ސީދާ ގޮތުން ހިއްސާ ކުރާނެ ޑޯޒްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ގައުމުތަކަށް ވެކްސިން ޑޯޒްތައް ފޯރުކޮށްދިނުމުގައި، އެ ގައުމުތަކާ އެމެރިކާގެ ގާނޫނީ އަދި ޝަރުއީ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށާ، ބައިނަލްއަގުވާމީ ބޯޑަރުތައް ހުރަސްކޮށް ވެކްސިން ޑޯޒްތައް ފޯރުކޮށްދޭއިރު، އެ ޑޯޒްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށްވެސް ވައިޓްހައުސް އިން ބުނެއެވެ.

ޖޫން މަހުގެ ނިޔަލަށް ވެކްސިން ޑޯޒްތައް ހަދިޔާކޮށް ނިންމުމަށް ބައިޑަންގެ ސަރުކާރުން އަމާޒު ހިފާފައި އޮތް ނަމަވެސް، މި ދެންނެވި ކަންކަމަށް ރިއާޔަތް ކޮށް، ސުންގަޑިއަށް މަސައްކަތް ކާމިޔާބު ފުރުސަތު އިންތިހާއަށް ހަންޏެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވަނީ، އެމެރިކާއިން ހަދިޔާ ކުރާ ޑޯޒްތައް އުފައްދާ ނިމިފައި ވާ ކަމަށާ، ލަސްކަމަކާ ކުރިމަތިވަނީ، ގާނޫނީ އަދި ލޮޖިސްޓިކްސްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ހަދިޔާ ކުރަން ކަނޑައަޅާފައިވާ ޑޯޒްތަކުގެ ތެރެއިން މިހާތަނަށް ފޯރުކޮށްދެވިފައި ވަނީ 10 މިލިއަން ޑޯޒްއަށް ވުރެ މަދު އަދަދެއްގެ ވެކްސިނެވެ. މިހާތަނަށް މި ޑޯޒްތައް ލިބުނު ގައުމުތަކުގެ ތެރޭގައި ޓައިވާން، މެކްސިކޯ، ކެނެޑާ އަދި ދެކުނު ކޮރެއާ ހިމެނެއެވެ.

ގާނޫނީ ކަންތައްތަކެއް ހަމަޖެއްސުމަށްޓަކާ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ލަސްވަމުން އަންނަ ކަމަށް ވައިޓްހައުސް އިން ބުނެފައި ވާއިރު، މިކަމުގައި ރާއްޖެ އޮތް ހިސާބަކީ ކޮބައިތޯ ދަޕްރެސްއިން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން، އެކަމުގެ އަޕްޑޭޓެއް އަދި ލިބިފައި ނުވާ ކަމަށް، އެ ވުޒާރާއިން ވަނީ ބުނެފައެވެ.