ފިރިހެނުންނަކީ ރޮބޮޓުންތަކެއް ނޫން ކަމަށާ، ނިވާކަން ކުޑަ ހެދުމުގައި އަންހެނުން ފެނުމުން، އެކަމުގެ އަސަރު ފިރިހެނުންނަށް ކުރާނެ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އަންހެނުންކަން ދޭހަވާފަދަ މޭރުމަކުން ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވުމާއެކު، ބޮޑެތި ފާޑުކިއުންތަކެއްވެސް ވަނީ އަމާޒު ވާން ފަށާފައެވެ.

އެޗްބީއޯގެ ޕްރޮގްރާމަކަށް މި ރޫހުގައި ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، މިއީ ސަގާފީ އިސްތިއުމާރީ އަޅުވެތިކަމެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ސަގާފަތުން ބަލައިގަންނަ ކޮންމެ ކަމަކީ، އެހެން ހިސާބުތަކުންވެސް ބަލައިގަންނަން ޖެހޭނެ ކަމެއް ކަމަށާ، ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު، ޖިއޯ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވެސް އިމްރާން ވަނީ މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެފަހަރުވެސް އިމްރާން ވަނީ، ޖިންސީ ގޯނާއަކީ، ނިވާކަން ކުޑަވުމުގެ ސަބަބުން އުފެދޭ ކަމެއް ކަމަށް ސިފަކުރައްވާ، އެއީ ހުޅަނގުން އިމްޕޯޓް ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ.

އިމްރާންގެ މިފަދަ ވާހަކަފުޅުތަކާ ގުޅިގެން ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާ، ބައެއް ނޫސްވެރިންވެސް ދަނީ، މިކަމާ ދެކޮޅަށް، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ. ޕާކިސްތާނުގައި ހިންގާ ޖިންސީ ގޯނާގެ ޖަރީމާގައި އަނިޔާ ލިބޭ މީހަކީ ކުށްވެރި ވާ މީހާކަން ދޭހަވާފަދަ މޭރުމަކުން އިމްރާން ވާހަކަ ދެއްކެވި ކަމަށް، އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްގެ ގާނޫނީ ތަޖުރިބާކާރެއް ކަމަށްވާ ރީމާ އުމަރު ވަނީ ސިފަކުރައްވާފައެވެ.