އެންމެ ކުޑައިރުއްސުރެ އިވޭ އަޑަކީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް މަސްވެރިކަން ވެފައި ވާއިރު، އެކަމުގައި އުޅެނީ ހަމައެކަނީ ފިރިހެނުންނޭ ބުނުމަކީ ގޯހެކެވެ.
މިއަދު ޅ. ކުރެއްދޫ ފަޅުތެރެއަށް ވަދެ އުޅުނު ކަންނެއްޔެއް ހިފި ވާހަކަ އަކީ އެތައް ބަޔަކު އާޝޯހް ކުރުވި ހަބަރެކެވެ. މި ވާހަކަ އިވުނު މީހުން އިތުރަށް ހައިރާންވީ އެ މަސް ހިފާފައި ވަނީ މެދު އުމުރުގެ އަންހެނަކަށްވީ ތީއެވެ. އެ އަންހެން މީހާއަކީ ކެޔޮޅެއްގެ ދަރިއެކެވެ.
އެ މަސް ހިފި އަންހެންމީހާގެ ދަރިފުޅު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އޭނާގެ މަންމައަކީ ކުޅަދާނަ އަދި އެހާމެ ފިސާރި އަންހެނެއް ކަމަށެވެ. ކުރެންދޫގެ ފުއްޓަރު ފަރާތް މޫދު ކައިރިން ބޮޑު ކަންޏެއްޔެއް ވަދެ އުޅެނިކޮށް އެ ބޮޑު މަސް އޭނާގެ މަންމަ ހިފީ އެއްވެސް ހާސްކަމެއް ނެތި އިތުރު މީހެއްގެ އެހީއާ ވެސް ނުލާ ކަމަށް އޭނާ ބުނެއެވެ. އިނގޭހާ ވެސް އެއް ކަމަކީ ކެޔޮޅުންގެ ދަރިން އަބަދުވެސް ތަފާތު ވާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އެ ޓްވީޓާއެކު އޭނާގެ މަންމަ އެ ކަންނެލި ހިފަިއގެން ހުރި ފޮޓޯތަކެއް އޭނާ ހިއްސާ ކޮށްފައި ވެއެވެ. އެއީ ކުޑަ މަހެއް ނޫނެވެ. ބަލާބެލުމަށް އެ މަހުގައި 3 ފޫޓު ހުންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ކަންނެލި އެ އަންހެން މީހާ ހިފީ ކިހިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ކުރެއްދޫ ފުއްޓަރު ފަރާތަކީ އޮއެވަރު ގަދަ ވެސް ސަރަހައްދެކެވެ.
މަސްވެރިކަމަކީ ފިރިހެނުން އެކަނި ކުރާ ކަމެކޭ ކުރިން ބުނެ އުޅުނު ނަމަވެސް މިއަދު ހާލަތު ބަދަލުވެ މަސްވެރިކަމަށް ޒުވާނުންނާއި އަންހެނުންގެ ޝައުގުވެރިކަން އެނބުރެމުން ދާ ތަން އަންނަނީ ފެންނަމުންނެވެ. އަދި މިފަދައިން މިކަން ބަދަލުވެގެން ދިއުމަކީ ކާބަފައިންގެ މަސައްކަތް އަންނަން އޮތް ޖީލުތަކަށް ކުރިއަރައިގެން ދާނެ ކަމުގެ ފެހި ސިގްނަލެކެވެ.