އެކި ގޮތްގޮތުން ގާނޫނުތަކާ ގަވައިދުތަކާ ހިލާފަށް އެ ގައުމުގައި ދިރިއުޅެމުން ދިޔަ 5.6 މިލިއަން ބިދޭސީން، ނޮވެމްބަރު 2017ގެ ފަހުން މިހާތަނަށް ހައްޔަރުކޮށްފައި ވާ ކަމަށާ، އޭގެ ތެރެއިން 1.5 މިލިއަނަށް ވުރެ ގިނަ ބިދޭސީން މިހާރު ޑީޕޯޓްކޮށްފައި ވާނެ ކަމަށް، ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.
ސައުދީ އަރަބިއްޔާގައި ގަވައިދާ ހިލާފަށް ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހުއްޓުވާ، އެކަން ނިމުމަކަށް ގެނައުމަށް، ސަރުކާރުގެ 19 ވުޒާރާއަކާ އިދާރާއއް ބައިވެރިވާ ވަރުގަދަ ކެމްޕޭނެއް ދަނީ ހިންގަމުންނެވެ.
ނޮވެމްބަރު 2017ގެ ފަހުން މިހާތަނަށް ސައުދީއިން ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން 4304206 ބިދޭސީންނަކީ ރަށްވެހިކަމުގެ ގާނޫނާ ހިލާފަށް ދިރިއުޅެމުން ދިޔަ މީހުންނެވެ. އަދި 802125 މީހުންނަކީ ލޭބަރުންގެ ގާނޫނާ ހިލާފަށް ދިރިއުޅެމުން ދިޔަ މީހުން ކަމަށާ، ބޯޑާ ސެކިއުރިޓީ ނިޒާމާ ހިލާފުވި 509553 ބިދޭސީއަކު ހިމެނޭ ކަމަށް ދާހިލީ ވުޒާރާގެ ރިޕޯޓްގައިވެއެވެ.
116908 ބިދޭސީއަކު ހައްޔަރު ކުރީ ދެކުނު ބޯޑަރުގެ ސަރަހައްދުން ގަވައިދާ ހިލާފަށް އެތެރެވާން އުޅެނިކޮށް ކަމަށް ވާއިރު، އޭގެ 54 ޕަސެންޓް ހިއްސާ ކުރީ އިތިއޮޕިއާ މީހުން ކަމަށާ، 43 ޕަސެންޓް ޔަމަނުން ހިއްސާ ކުރިއިރު، އެހެން ގައުމުތަކުން ހިއްސާ ކޮށްފައި ވަނީ 3 ޕަސެންޓް ކަމަށް މައުލޫމާތު ލިބެއެވެ.
9508 ބިދޭސީއަކު ހައްޔަރު ކުރީ، ޣައިރު ގާނޫނީ ގޮތެއްގައި ސައުދީއިން ފުރަން އުޅުމުގެ ތެރޭގައި ކަމަށް ހަބަރު ލިބެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެކި ގޮތް ގޮތުންވި އެހީވީ ސައުދީގެ އެތައް ހާސް ބަޔަކު ވަނީ ހޯދާފައެވެ. އެގޮތުން، ޣައިރު ގާނޫނީ ބިދޭސީންނަށް ހިޔާވަހިކަން ދޭ މީހުންނާ، އެފަދަ ފަރާތްތަކަށް ދަތުރުފަތުރު ހަމަޖައްސާ ދޭ މީހުން ހިމެނެއެވެ. މީގެ 5 މީހެއްގެ މައްސަލަ، މިހާރުވެސް ބަލަމުން އަންނަ ކަމަށް ސައުދީ މީޑިއާއިން ހަބަރު ދެއެވެ.
ޣައިރު ގާނޫނީ ގޮތެއްގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އާންމު ވެފައިވާ ބޮޑު މައްސަލައެކެވެ.