އާ ފީޗާސްތަކަކާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ މޯބައިލް ބޭންކިން އެޕް ތައާރަފްކޮށްފިއެވެެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މޯބައިލް ބޭންކިން އެޕަށް ބަދަލުގެނެސް އިތުރު ފީޗާސްތަކެއް މިއަދު ތައާރަފު ކޮށްފައިވަނީ ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަލަށް ތައާރަފުކުރި ފީޗާސްތައް:

  • ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފާ ކުރެވޭ ފަސޭހަ ގޮތް
  • ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް
  • ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް
  • ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ
  • ބޭންކިންގ ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑް ކުރުނ
  • ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން
ބީއެމްއެލް މޯބައިލް ބޭންކިން އެޕް އަށް އާ ފީޗާސްތަކެއް ތައާރަފްކޮށްފި / ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އާ އެޕް މިއަދު ތައާރަފް ކުރެވުގެންދަނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށްވެސް ޓިމް ސޯޔާ ފާހަގަކުރައްވާފައިވެއެވެ.

އަލަށް ތައާރަފް ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނިގެންދާނެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފް ކުރެވިގެންދާނެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ

ބީއެމްއެލް އިން ރާއްޖެއަށް މޯބައިލް ބޭންކިންގެ ހިދުމަތް ތައާރަފުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. ބީއެމްއެލް އިން މޯބައިލްބޭންކިން ތައާރަފު ކުރުމާއެކު ކަސްޓަމަރުންނަށް ވަނީ ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައެވެ. އެގޮތުން ކަސްޓަމަރުންނަށް ބޭނުންތާކު ބޭނުން އިރަކު ކޮންމެ ތަނަކަށްވެސް ފަސޭހަކަމާއެކު ފައިސާ ޖަމާކޮށްލުމާ ވިޔަފާރިކޮށްލުމުގެ ފަސޭހަކަން ވަނީ ލިބިފައެވެ. ރާއްޖެއަށް މޯބައިލް ބޭންކިން އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ ވެސް ބީއެމްއެލްއިންނެވެ.

ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ 90 ޕަސެންޓު ކަސްޓަމަރުން މޯބައިލް ބޭންކިން އަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާ، މިދިޔަ އަހަރު 73 މިލިއަން އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައިވާކަމަށެވެ.

ބީއެމްއެލްގެ މޯބައިލް ބޭންކިންގެ އާ އެޕް، އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑްކޮށްލެވޭނެއެވެ.