ކޮވިޑު-19 އާ ގުޅިގެން ރާއްޖެއާއި ދުނިޔޭގެ ތަފާތު އެކި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެން ފެށިއެވެ. ވިޔަފާރި ނުވުމާއި، އެހެނިހެން ސަބަބުތަކަށްޓަކާ ބައެއް ވިޔަފާރިތައް ބަނގުރޫޓުވެސް ވާން ފެށިއެވެ. މުވައްޒަފުންނަށް މުސާރަ ދެވޭނޭ ވަރުވެސް ނެތިގެން އެތައް ބަޔަކު ވަޒީފާއިން ކަނޑާލާފައި ފޮނުވައިލަން މަޖުބޫރުވިއެވެ. އެތައް ބަޔަކު ބިކަ ހާލުގައި ޖެހުނެވެ. މިއީ މިހާރުވެސް ހިނގަމުން ދާ ކަންތައްތަކެވެ. މިކަންކަމަށް ހުއްޓުމެއް އަންނާނެ ދުވަހެއް ކަށަވަރުކޮށް ބުނާކަށް އެއްވެސް ބަޔަކަށް އަދި ހަމަ ނޭނގެއެވެ.

ކިތަންމެ ކުޑަ ގައުމެއްގައި ކަމަށް ވިޔަސް، ބޮޑު ގައުމެއްގައި ކަމަށް ވިޔަސް، މުޅި ދުނިޔޭގައި ކަމަށް ވިޔަސް، ވިޔަފާރި ވާނީ ވިޔަފާރިއަށެވެ. އެއްބަޔަކު އަނެއް ބަޔަކާ، އެއް ކުންފުނި އަނެއް ކުންފުންޏާ، އެއް ގައުމު އަނެއް ގައުމާވެސް ކުރަނީ ވިޔަފާރިއެވެ. ވިޔަފާރިޔާ ބެހޭ އެންމެހާ ކަންތައްތަކަކީ ދުނިޔޭގެ މައި ބެންކުތަކާއި ވިޔަފާރިޔާ ބެހޭ މުއައްސަސާތަކުގެ ދަށުން އެންމެންގެ މައްޗަށް އުސޫލުތައް ކަނޑައެޅޭ ކަންކަމެވެ. އެ އުސޫލުތަކަށް އެންމެން ތަބާވާން ވެސް އޮންނަނީ މަޖުބޫރުވެފައެވެ. ބައިންލައަގުވާމީ ދާއިރާގައި ވިޔަފާރި ކުރާން ބޭނުންނަމައެވެ. ދަރަންޏަށް ފައިސާ ހޯދާ، ހިލޭ އެހީވެސް ބޭނުންނަމައެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެގެން މިއުޅޭ އިގުތިސާދީ އަޑިގަޑުން ސަލާމަތްވާން ކުރަން ޖެހޭ ކަންކަމުގެ އުސޫލުތަކުުގެ ތެރެއަށް ބައިނަލްއަގުވާމީ ބޮޑެތި މާހިރުން އެއްޗެއް މިބުނި ގޮތަށް ލައިފިއެވެ. އެއީ ”ސްޓިމިއުލަސް ޕެކެޖު ޕުރޮގްރާމް“ ނަމަކަށް ކިޔާ އެއްޗެކެވެ. އެއީ، ގައުމެއްގެ އެތެރޭގެ ކަންކަމަށް ނިސްބަތް ކުރާނަމަ، އެ ގައުމެއްގެ އެންމެހާ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކާއި ބާވަތްތަކާއި އާމްދަނީ ފޯރުކޮށްދޭ ވިޔަފާރިތައް ފޭލިވިޔަނުދީ ހިފެހެއްޓުމަށްޓަކާ ތައާރަފު ކުރެވޭ ޕުރޮގުރާމެކޯލައެވެ. ހިލޭ އެހީގެ ގޮތުގައެވެ. ލުއި ލޯނުގެ ގޮތުގައެވެ. ކުއްޔާއި ޓެކުސް މާފުކޮށްދީގެން ވެސް މެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ހިތަށް މިހިސާބުން އަރަނީ ސުވާލެކެވެ. ރާއްޖޭގައި ”ސްޓިމިއުލަސް ޕެކެޖު“ ގެ ގޮތުގައި މިހާރު ތައާރަފު ކޮށްފައިވާ، ނުވަތަ ވަރަށް އަވަހަށް ތައާރަފު ކުރެވޭނެ ކަމަށް ނޫސްތަކުން ފެންނަ ބައެއް ޕެކެޖު ދެމުން ދަނީ ނުވަތަ ދެވޭނީ ކަމުގެ މާހިރުން ރަނގަޅަށް ބަލައިފިއްޔާ ހަމަ އެންމެ ރަނގަޅަށް ހޭ އެވެ! އަޅެ، ބައެއް ދާއިރާތަކަށް ބަލައިލަމާހެވެ؟

އެންމެ ފުރަތަމަ ބަލައިލާނީ ކެއިން ބުއިމުގެ ކަންކަން ގެއިން ބޭރުން ހަމަޖައްސަން ޖެހޭ މީހުންނަށް ހިދުމަތްދޭ ތަންތަނަށެވެ. ހޮޓާތަކާއި ކުދި ކެފޭތަކަށެވެ. ހެދިކާއާއި ބަތްޕާރުސަލް ފަދަ ތަކެތި ފޯރުކޮށްދޭ ވިޔަފާރި ތަކަށެވެ. ޝައްކެއްވެސް ނެތެވެ. މި ވިޔަފާރިޔަކީ ނަގާ ކޮޅަށް ޖަހަންޖެހޭ ވިޔަފާރިއެކެވެ. އެހެންނަމަވެސް، މި ވިޔަފާރީގެ ”ލަގްޒަރީ“ ވައްތަރެއްވެސް އޮވެއެވެ. އެއީ ފަސް ހަ ރުފިޔާއަށް ގަމުތެރެއިން ގަންނަން ލިބޭ އާދައިގެ ފެންފުޅިޔަކަށް ވިހި ތިރީހަށް ބިލު ކަނޑައިލާ ތަންތަނެވެ. ރީތިހައި ކުލަތަކުގެ މަޑު އަލިން ދިއްލާފަ، މަޑު މިޔުޒިކެއް ޖަހާލާފައި، އެންމެ ދެރަ ކެއުން ވެސް ހައެއްކަ ސަތޭކައަށް ނޫނީ ނުދޭ ތަންތަނެވެ. މުއްސަނދިންނަށް ނޫނީ ނުވަދެވޭ ޒާތުގެ މޮޅުގެ މޮޅު ތަންތަނެވެ.

ނިއު ނޯމަލް: މީހަކު ވިޔަފާރި ކުރަނީ / ފޮޓޯ: ދަ ޕްރެސް

ސުވާލަކީ އެތަންތަންވެސް ޕެކެޖު ދީގެން ސަލާމަތް ކުރަން ހަމަ ޖެހޭ ހެއްޔެވެ؟ ނޫނީ ދުނިޔެއަށް މިއާ ބަދަލުގެ ސަބަބުން އެ ވިޔަފާރި އެ މޮޑެލަށް ހިންގައިގެން ދެން ”ސަވައިވް“ ނުވާނެ ކަމަށް ބަލާފައި، އެ ވިޔަފާރިތަކަށް މިހާތަނަށް ލިބިފާ ހުރި ފައިދާގެ ބޮޑެތި އެކަންޓުތަކުގެ ބޭނުން އެހެން ގޮތަކަށް ހިފަން އެ ވިޔަފާރި ހިންގާ ފަރާތްތަކަށް ބުނެދޭނީ ހެއްޔެވެ؟

ދެން އޮތީ އެއްގަމު ދަތުރުފަތުރު ގެ ވާހަކައެވެ. ބޭނުންހާ މަގަކުން ނޫނީ ދަތުރު ނުކޮށް، ބޭނުން ގަޑިތަކެއްގައި ނޫނީ މަގަށް ނުނިކުމެ ދާދި ފަހަކާ ޖެހެންދެން އުޅުނު ޓެކްސީތަކުގެ ވާހަކައެވެ. ކުލަޔާއި ސިފައާއި އަޅައިގެން ހުންނަ ހެދުމަށް ބަލައިގެން، ވަކި ބަޔަކަށް ނޫނީ ދަތުރު ކޮށްނުދީ އުޅުނު ޓެކްސީތަކުގެ ވާހަކައެވެ. ދިއްލާފައި ހުންނަ ޓެކްސީ ބޯޑުގެ މާނަ ނަގާލައިގެން ބަސްދަތުރު ގޮތަށް މީހުން ނަގަމުން ދުއްވި ޓެކްސީ ތަކުގެ ވާހަކައެވެ. ފުރުސަތު އޮތް އިރު އެއް ކާރުން ދެ ކާރު އަހަރުތެރޭގައި ޖައްސާލަމުން ދުއްވި ޓެކްސީ ތަކުގެ ވާހަކައެވެ. އެ ޓެކްސީ ތަކަށް ވެސް ޕެކެޖު ހަމަ ހައްގު ބާވައެވެ؟ ނޫނީ ޓްރާންސްޕޯޓު މިނިސްޓްރީން އެ ބުނާ ”މިނީބަސް ދުއްވަން ފަށަން ފައިސާއެއް ނެތް“ ކަމަށް އެ ބުނާ ހުސްތަނަށް ޕެކެޖު ލިއްޔާ އާންމެ ރައްޔިތުންނަށް ވާ ފައިދާ މާ ބޮޑެއް އަޅެ ނުވާނެ ބާވައެވެ؟

މާލޭގެ މަގެއްގައި ޓެކްސީއެއް ދުއްވަނީ: ޓެކްސީތަކުގެ އަގުކުޑަކުރެވޭނީ ޓެކްސްއިން ލުއިދީގެން ކަމަށް ޑްރައިވަރުން އަންނަނީ ބުނަމުން / ފޮޓޯ: ދަޕްރެސް

ދެން އޮތީ ނުދައްކާ ބޮޑު ވާހަކައެވެ. ފަތުރުވެރި ކަމުގެ ވާހަކައެވެ. ކޮވިޑް-19 އަޑާ އެކީ އާމްދަނީ ސުމަކަށް ގޮސް، މުވައްޒަފުންނަށް ކޮންމެހެން ދޭން ޖެހޭ މުސާރަ ވެސް ނުދެވޭ ހާލަތަށް ވަގުތުން ދިޔަ ވިޔަފާރީގެ ވާހަކައެވެ. ފަތުރުވެރިން ރާއްޖެއަށް އައުން ހަމަ ހުއްޓުމާއެކު ހާލުގައި އަދި ޖެހުނަސް، ވޯޓާ ބަންގަލޯ ތަކާއި ސްވިމިންގް ޕޫލްތައް އިތުރަށް އަޅާލި ސިނާއަތުގެ ވާހަކައެވެ. ކުލި މާފު ކޮށްދިން ކަމަށް އިވޭ ރިސޯޓުތަކުގެ ވާހަކައެވެ. އެ ސިނާއަތަކުން ދައުލަތަށް ވަންނަން ޖެހޭ އާމްދަނީ އެތައް ތާކުން މަދުވި ވާހަކައެވެ. އެ ވެސް ޕެކޭޖެެކެވެ. ބޭރުގެ ނޫސްތަކުގެ ”އޮޕީނިއަން ޕީސް“ ތަކުގައި ކަމުގެ މާހިރުން ބަޔާން ކުރާ ގޮތުން ދުނިޔޭގެ ސިނާއަތްތަކުގެ ތެރެއިން ދެން އެންމެ ލަހުން އިހު އޮތް ގޮތަށް ރުޖޫއަ ވާނީ ފަތުރުވެރިކަމެެވެ. ދަތުރު ފަތުރުގެ އުސޫލުތަކާއި ހިފެހެއްޓުން ތަކުގެ ސަބަބުންނެވެ. އެހެން ތަންތަނަށް ދަތުރު ކުރަން މީހުން އެތައް ދުވަހަކަށް ބިރުގަންނާނެތީއެވެ. ގިނަ މީހުން އަތުގައި އެހާ ވަރަށް ލާރިވެސް ނުހުންނާނެ ތީއެވެ.

ބޯޑަރު ހުޅުވާލުމުން ރާއްޖެ އައި ފުރަތަމަ ފްލައިޓްގެ ފަތުރުވެރިން ބޯޓުން ފައިބަނީ

އެހެން ވީމާ، ދަތީގައި ވެސް މުވައްޒަފުން ނުކަނޑާ، ވީހާވެސް އަވަހަކަށް ”ރިކަވާ“ ވާނެ ކަމަށް ބެލެވޭ ސިނާއަތްތަކަށް ޕެކެޖު ލިއްޔާ މާ ރަނގަޅުވާނެ ނޫން ބާވައެވެ؟ ދެން އޮތީ ތަންކޮޅެއް ދުރު ރާސްތާގެ ވާހަކައެކެވެ. އެއީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ވާހަކައެވެ. މިކަމުގައި ވެސް މިހާރު ބައެއް ފަހަރު އަޑުގަދަ މިވަނީ އިމާރާތްކުރާ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އަޑު ބާވައެވެ؟ އެ ފަރާތްތަކަށް ލޯނުތައް ލިބުން ފަސޭހަވާން ވެއްޖެ ވާހަކަތަކެވެ.

ދެން މިއިވެނީ ގޭގެ ފުރާޅުން ވާރެ ވެހޭތީ އާ އިމާރާތެއް ހަދަން ބޭނުންވެ، އެކަމަށް ހަރަދުކުރާނެ ފައިސާކޮޅެއްހައި މިންވަރުވެސް އަތުގައި ނެތް މީހާ، އަމިއްލައަށް ދެލައްކަ ރުފިޔާއާ ހަތްހާސް ރުފިޔާގެ ދާއިމީ ވަޒީފާއެއް ހިފައިގެން ދިއުމުން އެ މީހާޔަށް ލުއި ލޯނު ދީލަތިކަމާއެކީ ދެވޭ ވާހަކައެވެ. އެ ވަރު ނުވާނަމަ އެއްކަލަ ”ތިރީސް ފަސްއަހަރަށް ގެ ކުއްޔަށް ދީގެން ހެއްދުން“ އޮންނާނެ ތާއެވެ! އެކަމަކު އެކަހަލަ، ގޮތްހުސްވެފާ ތިބި ފަގީރުން އެ ބުނާ އިކުއިޓީއާ ގެރެންޓީ މުސާރަ ނުދެއްކިޔަސް ގެގަނޑު އާދައިގެ ގޮތަކަށް ހަދާލާނެ ޕެކެޖެއް ދީފިނަމަ އެއީ ”ސްޓިމިއުލަސް“ އަށް ނުވަނީ ބާވައެވެ؟

ދޮންމަނިކަށް މިފަހަރު މިވާހަކަ މިހެން މިދެއްކުނީ،”ސްޓިމިއުލަސް ޕެކެޖު“ އެއީ އޭގެ އަގު ގައުމުގެ ފަގީރުންވެސް ހިމެނޭގޮތަށް ކޮންމެވެސް ދުވަހަކުން ދައްކަން ޖެހޭނޭ އެއްޗަކަށް ވާތީއެވެ. އެންމެން އެކަމުގެ ބުރަ އުފުލަން ޖޭހެނެތީއެވެ. އެހެންވީމާ، ޕެކެޖު އެންމެ ރަނގަޅަށް ދެވޭނީ ފަގީރު ނިކަމެތި ރައްޔިތުންގެ މަސްލަހަތުތައް އިސްކޮށްގެން ބާވައެވެ؟ އާދައިގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރަތްތައް ފުއްދަާދީ، އެ މީހުން ބިކަވިޔަނުދީ ހިފަހައްޓަން ބާވައެވެ؟ ނުވަތަ، ގަދަޔަށް ކެންޕޭނުކޮށް، އެޔަށް ވުރެ މޮޅަށް ލޮބީކުރަން ދަންނަ މީހުންނަށާއި ސިނާއަތް ތަކަށް އެންމެންގެ ފައިސާއިން ޕެކެޖު ދީގެން ބާވައެވެ؟ ނޫނީ ސިޔާސީ އެކި ރޮދިފަށްތަކާއި އެ ރޮދިފަށުގައި ޖެހިފައި ހުރި ގޮށްތަކަށް ވާންކުރަން ދަންނަ މީހުންނަށް ދީގެން ބާވައެވެ؟ދޮންމަނިކަކީ މާހިރެއް ނޫނެވެ. ދޮންމަނިކު ދަންނަނީ މީހުން އެކަމާ ވިސްނާނެ ސުވާލުތަކެއް ކުރާށެވެ!