އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވާގެ ހިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް މިއަދު ތައާރަފު ކޮށްފިއެވެ.

މި ހިދުމަތް ހޯމްބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފް ކުރެވިފައި މިވަނީ ޕެންޑެމިކްއާ ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާ ވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދާ ދިނުމުގެ ގޮތުން ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫއިން މިގެނައި ބަދަލާ އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ހިދުމަތް ލިބިގެން ދާނެއެވެ. މި ހިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުން ނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެން ދާނެއެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދުމަށޤ ޕެކޭޖްގެ ވެލިޑިޓީ ހަމަ ވުމުގެ ކުރިން، ނަގާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުން ނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުން ކުރެވޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވާގެ ހިދުމަތަށް ބޭނުންކޮށްފައިވާ އާޓްވޯޚެއް

އެގޮތުން ޑޭޓާ ރޯލްއޯވާގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާ އެކު އާ ދެ ޕްލޭން ވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަގާ ފަރާތްތަކަށް ހާއްސަ އޮފާއެއްގެ ދަށުން 20 ޕަސަންޓް އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެ ކަމަށްވެސް އޫރިދޫއިން ބުނެއެވެ.

​"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ. ގެއިން މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ޑިޖިޓަލް ހިދުމަތްތަކަށް މިވަނީ ބަރޯސާ ވާންޖެހިފަ. އެހެން ކަމުން އަޅުގަނޑުމެންގެ މަގްސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ހިދުމަތް އެންމެހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސާ، ހުސެން ނިޔާޒް

އުރީދޫން ވަނީ ދާދި ފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވާ ގެ ހިދުމަތް ތައާރަފް ކޮށް މާކެޓުގައި ލީޑް ކުރާ މި ޕްރޮޑަކްޓް ތަކަށް އިތުރު ފުރިހިމަކަމެއް ގެނެސްފައެވެ.