ކޮވިޑް އިން އަރައިގަތުމަށް ދޫކުރާ އިކޮނޮމިކް ސްޓިމުލަސް ލޯނު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލަައިގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެ ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް އެ ބޭންކުގެ ވެބްސައިޓް އިން ލިބޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސުން ވަނީ ލޯން ސްކީމެއް އެކުލަވާލާފައެވެ. މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފު ކުރެވޭ ލޯން ސްކީމް ކަމަށް ބީއެމްއެލުން ބުނެއެވެ.
ކޮވިޑް ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. މިއީ 6 ޕަސަންޓް އިންޓަރެސްޓެއްގައި ދޫކުރާ ލޯނެެއް ކަމަށާއި ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ ލޯނެއް ކަމަށް ބީއެމްއެލުން ބުނެއެވެ. މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަސް ވެސް ބީއެމްއެލުން ބުނެއެވެ.