ގިނަ ބައެއްގެ އަތުން އެތަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާ ފިލައިގެން އުޅުނު މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފިއެވެ.

އަންމަޓީއަށް މިމަހު ތިން ވަނަ ދުވަހު ބަންދުގެ މުއްދަތުގެ ގޮތުގައި އަށް ދުވަސް ޖެހިއިރު މިއަދު އަންމަޓީގެ ބަންދު މުރާޖަާކުރުމަށް ބޭއްވި މަޖިލީހުގައި ދައުލަތުގެ ވަކީލު ވަނީ ޝަރީއަތުގެ މަރުހަލާ އެކީ ނިމެންދެން އަންމަޓީ ބަންދުގައި ބަހައްޓައިދިނުމަށް އެދިފައެވެ.

އެއީ އޭނާ ހެއްކަށް ނުފޫޒުފޯރުވާނެ ކަމަށް އަދި މުޖުތަމައަށް ނުރައްކާވާނެ ކަމުގެ ފުރުސަތު އޮތުމުން ކަމަށާއި އޭނާ ޝަރީއަތަށް ފިލައިފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ދައުލަތުގެ ވަކީލުން ބުނެއެވެ.

އެކަމާ ގުޅިގެން އަންމަޓީގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލާގައި ހުށަހަޅާފައިވަނީ ކިތާބީ ހެކިތަކެއް ކަމަށާއި އެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ނެތް ކަމަށެވެ.

އޭގެ އިތުރުން ފިލައިފާނެ ކަމަށް ކުރާ ތުހުމަތު ގޯސް ކަމަށް ވަކީލު ވިދާޅުވިއެވެ.

ބަންދާމެދު ވާހަކަދައްކަމުން އަންމަޓީ ވަނީ އޭނާގެ މައިބަދައިގެ ދެ ބަދަ ފިތި ނާރު ފިތޭތީ ފާއިތުވި ދެ ދުވަހު ނުތެދުވެ އުޅެން ޖެހުނު ކަމަށާއި މިހާރު މާފުށީ ޖަލުގައި ހުރުމުން ބޭސްފަރުވާއަށް މާލެއައި ހެދުން ދަތިކަމަށް ބުނެއެވެ. އަދި މައްސަލައިގައި ދައުލަތަށް މިހާރު ވެސް އަދި ދެން ވެސް އެއްބާރުލުން ދޭނެ ކަމަށް އަންމަޓީ ވަނީ ބުނެފައެވެ. އަންމަޓީ ވަނީ ބަލިހާލަތަށް ރިއާޔަތްކޮށް ލުޔެއް ދީގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ނުގެން ދިއުމަށެވެ. އަދި ޝަރުތުތަކަކާ އެކު އަންމަޓީ ދޫކޮށްލުމަށެވެ. އެގޮތުން މާލެއިން ބޭރަށް އަދި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އަންމަޓީއަށް ވަނީ ޝަރުތު ކޮށްފައިވެއެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލާ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހު 30ގައެވެ.

ޕީޖީ އޮފީހުން ބުނީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2014 ވަނަ އަހަރުގެ މާޗް 13ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަންމަޓީ ލަންކާއިން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 21، 2021 ވަނަ ދުވަހުއެވެ.

ސީލައިފުން ވަނީ ހުޅުމާލޭގައި 3000 އެޕާޓްމެންޓު ގާއިމް ކުރުމަށް އިއުލާންކޮށް 280 މީހުންގެ އަތުން 50،000 ރުފިޔާ ނަގާފައެވެ. އެގޮތުން ޖުމްލަ 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އާންމުންގެ އަތުން ނަގާފައެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުންއެވެ.

ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް އިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގައެވެ.