ދިވެހިރާއްޖެ ރަޝިއާ މާކެޓުގައި އިތުރަށް އިޝްތިހާރުކޮށް މަގްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސް އިން ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލް ރަޝިޔާ އާ ގުޅިގެން ރަޝިޔާގެ ދެސިޓީއެއްގައި ފޮޓޯ މައުރަޒެއް ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި ފޮޓޯ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މޮސްކޯގައި މި މަހު 16 އިން 30ގެ ނިޔަލަށް ކަމަށެވެ. އަދި މޮސްކޯގެ އެގްޒިބިޝަން އަށް ފަހު ސެން ޕީޓާސްބާގްގައި ވެސް މައުރަޒު ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މޮސްކޯގައި މި މައުރަޒާ ކުރިއަށް ދާނީ ތްވެރޮސްކޮއި ބޮލިވާޑްގައި ކަމަށާއި މިއީ މޮސްކޯގައި ގިނަ އަދަދެއްގެ މީހުން ހިނގާބިގާވެ އުޅޭ އެއް މައިގަނޑު މަގެއް ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އަދި ސެންޕީޓަސްބާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒާ ކުރިއަށްދާނީ ކިރޯލް ސެންޓްރަލް ޕާކް ގައި ކަމަށާއި މި ޕާކް އަކީ ސެން ޕީޓަސްބާގްގެ ސަގާފީ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތަކަށް މަޝްހޫރު ޕާކްއެއް ކަމަށް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރްސީން ބުނީ ރަޝިއާގެ ހޫނު މޫސުމުގެ ދުވަސްވަރު މި ފޮޓޯ މައުރަޒު ބޭއްވުމުގެ ސަބަބުން ލަފާ ކުރެވޭ ގޮތުގައި ޖުމްލަ 5-3 މިލިޔަން މީހުން މި ފޮޓޯ މައުރަޒަށް ޒިޔާރަތްކުރާނެ ކަމަށެވެ.
މި މައުރަޒުގައި ދިވެހިރާއްޖޭ ގުދުރަތީ ރީތި ކަމާއި ރާއްޖޭގެ ނަމަނަމަ ތިމާވެށީގެ މަންޒަރާއި ސަގާފީ ހަރަކާތްތަކުގެ ފޮޓޯ ދައްކާނެ ކަމަށާއި އަދި މި ފޮޓޯ ތަކުން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓްކަމުގައިވާ ރިސޯޓް ގެސްޓްހައުސް، ލިވަބޯޑް, ހޮޓެލްގެ އިތުރުން ރާއްޖެއިން ކުރެވޭ ހާއްސަ ތަފާތު ތަޖުރިބާތައް ފެންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
އެމްއެމްޕީއާރްސީން ބުނީ މި ތަފާތު ތަޖުރިބާތަކުގެ ތެރޭގައި ފެހުރިހި ބެލުމަށް ފީނުން , ސީޕްލޭން ގައި ދަތުރުކުރުން ، އަދި ރާޅާއެޅުން ހިމެނޭ ގޮތަށް މި ފޮޓޯ މައުރަޒުގަ އިދައްކާލާނެ ކަމަށެވެ. އަދި ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައިވާ ޖަޒީރާ ގައުމެއްކަމާއި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި މައުރަޒުން ފެނިގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.