ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް މީހަކު ހާޒިރުކުރުމުން ނުކުންނަ ގާނޫނީ ނަތީޖާއަކީ، ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، 30 ދުވަހުގެ ތެރޭގައި އެމީހާގެ މައްޗަށް ހުރި ހުރިހާ ހެއްކެއް ހޯދާ، ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވެފައިވަނީ "ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހައްޔަރުކުރުން"ގެ ނަމުގައި އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

އެގޮތުން އެލިޔުމުގައި ޝަމީމް ވިދާޅުވީ ހައްޔަރުކުރުމާއި ބަންދުކުރާނެ ގޮތުގެ ވާހަކަ ގާނޫނުއަސާސީގައި އޮތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގައި ކަމަށެވެ. އެމާއްދާގައި އޮތް ވާހަކަތަކުގެ ތަފްސީލު އޮތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ހަވަނަ ބާބު (ބަންދުކޮށްފައިވާ މީހުން ފަނޑިޔާރެއް ކުރިމައްޗަށް ހާޒިރުކުރުން) ގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއް ކުރިމައްޗަށް މީހަކު ހާޒިރުކުރުމުން ނުކުންނަ ގާނޫނީ ނަތީޖާއެއް އޮންނަ ކަމަށެވެ. އެއީ، އޭނާ ބަންދުގައި ބަހައްޓަން ނިންމައިފިނަމަ، ބަންދުކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމީހާގެ މައްޗަށް ހުރި ހުރިހާ ހެއްކެއް ހޯދާ، ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، އެމީހާގެ މައްޗަށް ފަހަކުން ވެސް އެކުށުގެ ދައުވާއެއް ދެނެއް ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ފަނޑިޔާރު ކުރިމައްޗަށް ހާޒިރުކޮށް ބަންދުން ދޫކޮށްލާ މީހާގެ މައްޗަށް ދައުވާ ކުރަން ލިބެނީ 45 ދުވަސް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެންކަމުން މީހަކު ހައްޔަރު ކުރުމުގެ ކުރިން، އެކަމުން ނުކުމެދާނެ ނަތީޖާތަކާމެދު ހައްޔަރު ކުރާ މީހާ ވިސްނާންޖެހޭ ކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

ޝަމީމް ވިދާޅުވީ ކުށްކުރާ ބިދޭސީންނާބެހޭ ގޮތުން މިއަދުގެ ސިޔާސަތަކީ، އެމީހުންގެ ތެރެއިން ދިވެހި މުޖްތަމައުގެ ހަމަޖެހުން ނަގާލާ، ނުރައްކާތެރި ކުށްކުރާ މީހުންގެ މައްޗަށް ދައުވާކޮށް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަދަބު ދިނުން ކަމަށާއި ކުދިކުދި ކުށްތައް ކުރާ މީހުން ޑިޕޯޓް ކުރުން ކަމަށެވެ. މިކަމުގައި ވެސް އަމަލީ އެތައް ގޮންޖެހުންތަކެއް ހުރި ކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި، އެމީހާއަކީ ކޮން ގައުމެއްގެ މީހެއްކަން ނޭނގުމާއި، ގާނޫނީ ގޮތުން ސައްހަ ލިޔެކިޔުން ނެތުމާ، އެމީހާ ނިސްބަތްވާ ގައުމުގެ އެމްބަސީން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމައްސަން ވަގުތު ނެގުން ހިމެނޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.