މިއަހަރުގެ ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީގައި ދިރިއުޅުއްވާ ފަރާތްތަކަށް އެކަނިކަމަށް ސައުދީ ސަރުކާރުން ނިންމުމާ ގުޅިގެން، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ނުދެވޭނެކަމަށް ނިންމައި އެކަން އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރޭ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން 1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނާ އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތައް 60،000 މީހުންނަށް ކަމަށް އެ ގައުމުގެ ހައްޖުގެ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެފައިވަނީ ހައްޖު ކޯޓާ ރާއްޖެއަށް ލިބިއްޖެނަމަ އެ ކޯޓާ ދޫކުރާނީ ހައްޖު ކޯޕަރޭޝަންއަށް ކަމަށެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވި ފަހުން ސައުދީން ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް އެހެން ގައުމުތަކުން އެ ގައުމަށް ނުދެވޭނެކަން ހާމަކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަ ކުރި ގޮތުގައި، 1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ 60000 މީހަކަށެވެ. އަދި އެމީހުންނަކީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ވާންޖެހޭނެ ކަމަށާ، އެއީ ދާއިމީ ބައްޔެއްގައި އުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ސައުދީއިން ވަނީ ޝަރުތު ކޮށްފައެވެ. އަދި ހައްޖުވާން އެދޭ މީހާ، ސައުދީއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވެކްސިން ޖަހަން ޖެހޭނެ ކަމަށްވެސް ސައުދީއިން ވަނީ ނިންމާފައެވެ.