އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބު ވެވަޑައިގެންނެވިފަހުން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު މިއަދާ ހަމަޔަށް 35 ގައުމަކުން އދއަށް ކަނޑައަޅާފަ ތިބޭ ދާއިމީ މަންދޫބުންނާ ބައްދަލު ކުރައްވާފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޝާހިދު އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، އދގެ މެންބަރު ގައުމުތަކާއެކު މަތީފަންތީގެ މަޝްވަރާތަކާ ބައްދަލުވުންތައް ބާއްވަވަން ވައުދު ވެވަޑައިގެންނެވި ކަމަށް ކަމަށާއި، އެވައުދާ އެއްގޮތަށް މިހާތަނަށް 35 ގައުމަކުން އދއަށް ކަނޑައަޅާފަ ތިއްބަވާ ދާއިމީ މަންދޫބުންނާ ބައްދަލު ކުރެއްވި ކަމަށެވެ.
އެގޮތުން ޝާހިދު ހުށަހެޅުއްވި "އުއްމީދުގެ ރިޔާސަތު" ކުރިއަށްގެންދާނެ ގޮތަކާއި އަދި އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެމަސައްކަތް ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު ޝާހިދު ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާ ބައްދަލު ކުރައްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އިއްޔެ މިނިސްޓަރު ޝާހިދު އދގެ މެމްބަރު ގައުމުތަކުގެ ހަތަރުބައިކުޅަ އެއް ބައި ހިއްސާކުރާ އެފްރިކާ ސަރަހައްދުގެ، ސަރަހައްދީ ޖަމްއިއްޔާ އެފްރިކަން ޔޫނިއަން އިން އދއަށް ކަނޑައަޅާފަ ހުންނަވާ ދާއިމީ މަންދޫބު ފާތިމާ މުހައްމަދު އާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ސައޫދީ އަރަބިއްޔާއިން އދ އަށް ކަނޑައަޅާފަ ހުންނަވާ ސަފީރު އަބްދުﷲ އަލްމުއައްލިމީ، އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ޝާހިދުގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އާމިނާ މުހައްމަދް ވެސް ބައިވެރިވެވަޑައިގަތް ކަމަށް މިނިސްޓްރީން ބުނެއެވެ.