ގއ.ވިލިނގިލީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ވިލިނގިލީ ހޮސްޕިޓަލުން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއުރު ތެރޭ އެ ރަށުން 10 މީހުން ޕޮޒިޓިވްވެ، ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ޖުމްލަ 96އަށް އަރާފައިވާ ކަމަށެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 35 ކޭސް އޮތްއިރު މިބަލިން 61 މީހުން ވަނީ ރަނގަޅުވެފައެވެ.

ވިލިނގިލީ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވިލިނގިލީގައި ދަނީ 10 ގަޑިއިރު ކާފިއު ހިންގަންމުންނެވެ. ކާފިއު ހިންގުމުގެ އިތުރުން އެރަށުގައި އަމަލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ހަމައެއާއެކު ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމުގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށާއި ނަމަވެސް އެތަންތަނުން ކާފިއު ވަގުތު ނޫން ވަގުތު ތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.