އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން ފަށާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކަށް މޯލްޑިވްސް ކޮލިފިކޭޝްން އޮތޯރިޓީގެ އެޕްރޫވަލް ހޯދުމަށް ފޮނުވައިފިއެވެ.

އެސްޓީއޯ އިން ބުނީ "ޑިޕްލޮމާ އިން ރޭޑިއޮގްރަފީ" ކޯސްތަކުގެ އެޕްރޯވަލް ހޯދުމަށް މިއަދު މޯލްޑިވްސް އެލައިޑް ކައުންސިލާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިންސްޓިޓިއުޓް ހިންގުމުގެ ހުއްދަ ލިބިފައިވާ އަދި އެ މިނިސްޓްރީގައި ރަޖިސްޓާ ކޮށްފައިވާ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެކޯސް ހިންގަން ފަށާއިރު އެ ކުންފުނީގެ އަމާޒަކި ދިވެހިންނަށް ރޭޑިއޮލޮޖީ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް ރާއްޖޭގައި ހިންގަން މަސައްކަތް ކުރާ މީ ފުރަތަމަ ފަހަރެވެ. މި ކޯހަކީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް އިފްތިތާހް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

އެ ރަސްމިއްޔާތުގައި މައުލޫމާތު ދީފައިވާ ގޮތުގައި ރޭޑިއޯލޮޖީ ދާއިރާއަށް ދިވެހިން ތަމްރީން ކުރަން ކުރިއަށް ގެންދާ ކޯސްތަކުގެ ފުރަތަމަ ބެޗްގައި 20 ކުދިންނަށް ޖާގަ ލިބޭނެއެވެ. އެ ކޯސްތަކުގެ ފުރަތަމަ ބެޗުގެ ފީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތެރޭ ރޭޑިއޮގްރަފަރުންގެ ގޮތުގައި 37 މީހުން މަސައްކަތް ކުރަމުން ދާއިރު މިވަގުތު އެމީހުންގެ ތެރޭގައި ތިބީ ތިން ދިވެހިންނެވެ. އައިޖީއެމްއެޖްގައި ރޭޑިއޮގްރަފަރުންގެ ގޮތުގައި 20 މީހުން މަސައްކަތް ކުރާއިރު އޭގެތޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ.