ކޮވިޑާ ގުޅިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ މުއްދަތު ހަފްތާއެއްގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މުއްދަތު ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގައި އަމަަލު ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ތަބާވުމަށާއި، އެ އެޖެންސީގެ އެންގުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ގޮތުން ގޭގައި ތިބެގެން މުވައްޒަފުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހިއްޖެ ނަމަ އެ އިދާރާގެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތުގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވޭނެ ކަމަށާއި، މަސައްކަތް ކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 16 ގަޑިއިރު ކާފިއު ހިންގުމާއި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުތުމަށް ފާހެއް ބޭނުން ކުރުން ހިމެނެއެވެ. ހަމައެއާއެކު ސްކޫލަތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ވަނީ ހުއްޓާލަފައެވެ. މިސްކިތްތަކުގައި ނަމާދުކުރުން މެދުކަނޑާލައި، ކެފޭ ރެސްޓޯރަންޓްތަކުގައި ތިބެ ކައިބޮއެ ހެދުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. ކުޅިވަރު ކުޅުން ހުއްޓާލައި ސެލޫން އަދި ޖިމްތަކުން ވެސް އާންމުންނަށް ހިދުމަތް ދިނުން ވަނީ މެދުކަނޑާލާފައެވެ.