ވިމެން އިން ޑިޕްލޮމަސީ ނެޓްވާކްގެ ރައީސާއަށް ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް މިއަދު ހަމަޖައްސަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުގައި ހުންނަ ޖޯޖިއާ އެމްބަސީގައި މިއަދު ބޭއްވި ހަފްލާގައި ފަރަހަނާޒް އާ ރައީސާކަން ހަވަލާކޮށްދެއްވީ އެ ޖަމްއިއްޔާގެ މިހާރުގެ ރައީސާ، އަދި އިނގިރޭސިވިލާތަށް ނެމީބިއާއިން ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު، ލިންޑާ ސްކޮޓް ކަމަށެވެ.
ޑރ. ފަރަހަނާޒްގެ ރައީސާކަމުގެ ދައުރުގައި އެކަމަނާގެ ނާއިބުއަކަށް ހުންނަވާނީ އިނގިރޭސިވިލާތަށް ޖޯޖިއާއިން ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު، ސޮފީ ކަޓްސަރަވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ނެޓްވާކްގެ މަސައްކަތުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އިސްކޮށް ހުންނާނީ އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީ އެމްބަސީގެ ސަފީރުގެ ނާއިބު ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޑރ. ފަރަހަނާޒް މަގާމުގެ މަސްއޫލިއްޔަތުން ނަންގަވާނީ މި އަހަރުގެ ޖުލައި މަހު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ވިމެން އިން ޑިޕްލޮމަސީ ނެޓްވާކްއަކީ މީގެ އެތަށް އަހަރެއްކުރިން، އިނގިރޭސިވިލާތުގައި ތިބޭ އަންހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލައިގެން އުފައްދާފައިވާ ނެޓްވާކްއެއް ކަމަށެވެ.
މި ޖަމްއިއްޔާގެ މައިގަނޑު މަގްސަދަކީ އަންހެނުން ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލުގައި އަދި ދިރިއުޅުމުގައި އަންހެން ޑިޕްލޮމެޓްސްއަށް ދިމާވާ ކަންތައްތައް ދެންތިބޭ މީހުންނާ ހިއްސާކޮށް، އެކަންތައްތަކަށް ހުރިހާ އެންމެން އެކުގައި ވާހަކަ ދައްކާ ހައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މި ޖަމްއިއްޔާއިން އިސްނަގައިގެން އެހެން އެމްބަސީ އަދި ހައިކޮމިޝަންތަކުގައި ތިބޭ އަންހެން ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ޓްރެއިނިންގެ ޕްރޮގްރާމާއި ވާކްޝޮޕްތައް ވެސް ހިންގާނެ ކަމަށާއި އިނގިރޭސިވިލާތަށް އަލަށް އަންނަ ޒުވާން ޑިޕްލޮމެޓުންނަށް އަމާޒުކޮށްގެން މެންޓާޝިޕް ޕްރޮގްރާމްތައްވެސް މި ނެޓްވާކުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމަށެވެ.
މި ޖަމްއިއްޔާގެ ރައީސާއަކީ ކޮންމެ ހަ މަހަކުން ބަދަލުވާ މަގާމެކެވެ. އެ ގޮތުން މި ނެޓްވާކްގެ މަސައްކަތް އަލުން ފަށާގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސަކު އައްޔަންކުރީ މިދިޔަ އަހަރު އޭޕްރިލް މަހު ކަމަށާއި މި ނެޓްވާކްގެ ފުރަތަމަ ރައީސްއަކީ އިނގިރޭސިވިލާތުގައި ހުންނަ ސައުތު އެފްރިކާ ހައިކޮމިޝަންގެ ސަފީރު ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ޖުލައި މަހުގެ ދައުރުގެ ރައީސާކަން ކުރައްވާނީ ހައިކޮމިޝަނާ ޑރ ފަރަހަނާޒް އަށް ކަމަށާއި އެކަމަނާގެ ރައީސާކަމުގެ ތީމްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކަށް އަލިއަޅުވާލާ މަސައްކަތްކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. މީ މި ނެޓްވާކްގެ ތިންވަނަ ރައީސާ ކަމަށާއި މީ މި ނެޓްވާކްގެ ރައީސާކަން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ލިބުނު ފަހަރު ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ހައިކޮމިޝަނާ ޑރ. ފަރަހަނާޒްއަކީ ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުގެ އިތުރުން، ފްރާންސް، އަޔާލަންޑް އަދި ސްޕެއިންއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފަ ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މިނިސްޓްރީން ބުނެއެވެ.