އުމުރުން 18 އަހަރު ވުމުގެ ކުރިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ރިޕޯޓް ނުކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އުސޫލެއް ހަދައިފިއެވެ.

އެ އުސޫލަށް އިއްޔެ އަމަލު ކުރަން ފަށާފައިވާއިރު އެއީ ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލެކެވެ.

އެމްއެމްސީން ބުނީ އެ އުސޫލުގެ މަގްސަދަކީ, އެފަދަ މައްސަލަތަކުގައި މީޑިއާތަކުން އަމަލުކުރަން ޖެހޭ ހަމަތައް ވަކި އުސޫލެއްގެ ދަށުން ކަނޑައެޅިފައި އޮތުން ކަމަށެވެ. އަދި އެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް މީޑިއާގައި ޝާއިއުކުރާ ކޮންޓެންޓުގެ މައްސަލަތައް ބަލައި ފިޔަވަަޅު އެޅުން ކަމަށެވެ.

އޭގެ އިތުރުން ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު ރިޕޯޓުކުރާއިރު، އެއްވެސް މީހަކު، އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެ ކަމަށް އެ އުސޫލުގައިވެއެވެ.

އެއުސޫލުގައި ބުނާގޮތުން ކުއްޖާއާ މެދު ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެންމެހާ މަރުހަލާއެއް ކަޑައްތުކޮށް މުޖުތަމައަށް ހެޔޮގޮތުގައި ކުއްޖާގެ އެނބުރި ރުޖޫއަވުމާއި ހަމައަށް ވެސް، އަދި އެއަށްފަހުގައި ވެސް، ކުއްޖާގެ ޒާތީ މައުލޫމާތު ހާމަ ކުރުމަކީވެސް މަނާކަމެކެވެ. އަދި ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މައުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް އާއްމުކޮށްގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ.

އޭގެ އިތުރުން އުސޫލާ ހިލާފުވެއްޖެނަމަ, އެމްއެމްސީގެ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް އުސޫލުގައި ބުނެއެވެ.