ކޮވިޑް19 ޖެހި, ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވި މީހާގެ މަރަކީ ކޮވިޑް19 މަރެއް ނޫންކަމަށް ކަނޑައަޅައިފިއެވެ.
އެޗްޕީއޭއިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ މިއަދު ހެނދުނު ޑީއެޗް11 ގައި 55 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށާއި އެއީ ރާއްޖެއިން ކޮވިޑް19 ޖެހިގެން މަރުވި 198 ވަނަ މީހާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން މިރޭ ބުނީ އެ މަރާ ގުޅޭ ކަންކަން އިތުރަށް ބެލުމަށް ފަހު, އެ މީހާ މަރުވާން މެދުވެރިވި ސަބަބަކީ ކޮވިޑް19 ބަލި ނޫން ކަން ފާހަގަވެފައި ވާ ކަމަށެވެ.
އެހެންކަމުން އޭނާގެ މަރަކީ ކޮވިޑް19ގެ ސަބަބުން ދިމާވި މަރެއް ނޫންކަމަށް ކަނޑައަޅާފައި ވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޑިއެޗް11 އަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް ބަލިޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމަށް އައިސީޔޫއެއްގެ ގޮތުގައި ބޭނުން ކުރާ ފަންގިފިލާއެވެ.
މިރޭ އެޗްޕީއޭއިން ނިންމި މި ނިންމުމާ އެކު މިވަގުތު ރާއްޖޭގައި ކޮވިޑް19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 197 އަށް ތިރި ވެފައެވެ.