ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާގެ ސަބަބުން މިވަނީ ލޭ ހޯދުމަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގައިވެސް މިހާރު ލޭ ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައި ވާއިރު އެންމެ ގިނައިން ލޭ ހަދިޔާކުރާ ރިސޯޓް މުވައްޒަފުންނަށްވެސް މިވަނީ އެ ގޮންޖެހުމާ ކުރިމަތިލާން ޖެހިފައެވެ.
ދުނިޔޭގެ ލޭހަދިޔޔާކުރާ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ގިވް ބްލަޑް އެންޑް މޭކް ދަ ވޯލްޑް ބީޓިން" އެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް ޝިފާ އިބްރާހީމް ބުނީ އެމްބީއެސްގެ ސްޓޮކްގައި އެމަޖެންސީއެއްގައި ބޭނުންކޮށްލާނެ 3-2 ޕެކް ފިޔަވައި އާންމު ހާލަތުގައި ސްޓޮކްގައި ލޭ ނުހުންނަ ކަމަށެވެ.
ޝިފާ ބުނީ މިއަދުގެ މުނާސަބަތާ ގުޅުވައިގެން އެލައިޑުންނާއި ބޭންކް އޮފް މޯލްޑިވްސް އިން ލޭހަދިޔާ ކޮށްދީފައިވާ ކަމަށެވެ.
މޯލްޑީވްސް ބްލަޑް ސާވިސްއަށް މިއަހަރުގެ މިހާތަނަށް ލޭ ހަދިޔާކޮށްފައިވާ ޑޯނަރުންގެ އަދަދުތައް:
- ވޮލެންޓިއާކޮށް 276 ޑޯނަރުން
- ޑައިރެކްޓް ޑޯނާޒްގެ ގޮތުގައި 2130 ޑޯނަރުން
- ކޭމްޕް ޑޯނާޒްގެ ގޮތުގައި 381 ޑޯނަރުން
ހަފްތާއަކަށް މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ބޭނުންވާ އަދަދު:
- އޯ ޕޮޒިޓިވް 85
- ބީ ޕޮޒިޓިވް 35
- އޭ ޕޮޒިޓިވް 25
- އޭބީ ޕޮޒިޓިވް 8
- އޯ ނެގެޓިވް 3
- ބީ ނެގެޓިވް 1
- އޭ ނެގެޓިވް ކޮންމެ ދެ ހަފްތާއަކުން 1
- އޭބީ ނެގެޓިވް 0
އެމްބީއެސް އިން ބުނީ ލޭ ހަދިޔާ ކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން ގަވާއިދުން ލޭ ހަދިޔާ ކުރާ މީހުންނަށް 3 މަސް ހަމަވުމުން ހަނދާން ކޮށްދިނުމުގެ ގޮތުން މިހާރު މެސެޖެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަމިއްލަ ކޮމްޕެނީ ތަކަށާ ސަރުކާރުގެ އިދާރާތަކަށް ގުޅަމުން އަންނަ ކަމަށާ އެފަރާތްތަކުން އެދުމުން ބްލަޑް ކޭމްޕް ބާއްވަދެމުން އަންނަ ކަމަށްވެސް ޝިފާ މައުލޫމާތު ދެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ލޭހަދިޔާކުރާ ދުވަހާ ގުޅުވައިގެން މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް ކޭމްޕެއް ބާއްވައިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ހަރަކާތުގައި މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި މަސައްކަތް ކުރާ ބީއެމްއެލްގެ މިވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ބައިވެރިވެފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ.
ދެ ދުވަހަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގައި 70 އަށވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއްވެ. އަދި މި ހަރަކާތް ކޮންމެ 3 މަހަކުން އެއް މަހު ކުރިޔަށް ގެންދާގޮތަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.
މި ކޭމްޕް ކުރިޔަށް ގެންދިޔުމުގެ ކުރިން ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކަށް އަލިއަޅުވާލައި ބީއެމްއެލް އިން ވަނީ މުވައްޒަފުން ހޭލުންތެރިކުރުމަށް މޯލްޑިވްސް ބްލަޑް ސަރިވިސް އާ ގުޅިގެން ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.