ދައުލަތުގެ ދެ ބާރުގެ އިސްވެރިން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ދައުލަތުގެ ވެރިންނަށް ގެދޮރު ހަމަޖެއްސުމުގެ އިސްލާހުގެ ބިލު ދިރާސާކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހު ނުވަ ވަނަ ދުވަހުއެވެ.
އެ ބިލު ދިރާސާ ކުރުމަށް އެކުލަވާލި ސަބް ކޮމިޓީން ނިންމީ އެ ބިލު ހުށަހެޅި ގޮތަށް އެ ދެ ބޭފުޅުން ދިރިއުޅުއްވާނެ ވަކި ތަނެއް ހަމަޖެއްސުމަށެވެ. އަދި އެތަނުގައި އެފަރާތެއްގެ އާއިލާ މީހުންނަށް ވެސް ތިބެވޭ ގޮތަށް ވަނީ ނިންމާފައެވެ.
އެބިލު ފާސްކޮށްފައިވަނީ ރޭ ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ ދެ ބާރުގެ އިސްވެރިން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުމުގެ އިސްލާހުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
ދައުލަތުގެ އަނެއް ދެ ބާރުގެ އިސްވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމަވާފައިމިވަނީ މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.