މަސްރަހު ހަލަބޮލިވެފައިވާ އިންޑިއާގެ ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގައި، އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ވަރުގަދަ ކޮށްފައި ވަނިކޮށް، ލަކްޝަދީބުގެ ހިންދޫ އެޑްމިނިސްޓްރޭޓަރު ޕްރާފުލް ހޯދާ ޕަޓޭލް، މިއަދުގެ ވަގުތެއްގައި އެ ސަރަހައްދަށް ދަތުރު ކުރާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

ހަފުތާއެއްގެ މުއްދަތަށް، ޕަޓޭލް، ލަކްޝަދީބަށް ކުރާ މި ދަތުރަކީ، "ސްމާޓް ސިޓީ" އާއި "އީކޯ ޓުއަރިޒަމް" ދަޅައަކަށް ދައްކައިގެން، އޭނާ ހުށަހަޅާފައިވާ ބައެއް ގާނޫނީ އިސްލާހުތައް މުރާޖާ ކުރާނެ ދަތުރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހިންދޫ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އަރިސް މީހެއް ކަމަށްވާ ޕަޓޭލްގެ ހުށަހެޅުންތަކާ ދެކޮޅަށް މުޅި ލަކްޝަދީބުހެން އަޑު އުފުލަމުން ދާއިރު، ޕަޓޭލްގެ ދަތުރާ ދިމާކޮށް މިއަދު ލަކްޝަދީބުގެ ރަށްވެހިން، ހާއްސަ އިހުތިޖާޖެއް ކުރުމަށް ވަނީ ނިންމާފައެވެ. ސޭވް ލަކްޝަދީބު ފޯރަމްގައި ވާ ގޮތުން، މިއަދު އެ ސަރަހައްދުގެ ރައްޔިތުން ދާނީ، ކަޅު މާސްކު ބޭނުން ކުރަމުންނެވެ. އަދި ޖޫން 20 ގައި ޕަޓޭލްގެ ދަތުރު ނިންމާލަންދެން، ގެތަކުގައި ކަޅު ދިދަ ނަގާފައި ހުންނާނެ ކަމަށްވެސް ހަބަރު ލިބެއެވެ. ލަކްޝަދީބުން މިއަދު ފާހަގަ ކުރަނީ "ކަޅު" ދުވަހެއްގެ ގޮތުގައެވެ.

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީއިން އިދާރީ ގޮތުން ބަލަހައްޓަމުން އަންނަ ސަރަހައްދުތަކުގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަދީބަކީ، މުސްލިމުންގެ މެޖޯރިޓީ އެންމެ ބޮޑު ސަރަހައްދުވެސް މެއެވެ. ކެރެލާ ސްޓޭޓުގެ ހުޅަނގު ދެކުނު އައްސޭރިފަށުން އެންމެ 300 ކިލޯމީޓަރު ބޭރުގައި އޮތް ލަކްޝަދީބުގެ އާބާދީގެ 97 ޕަސެންޓަކީ މުސްލިމުންނެވެ. އެބައެއްގެ ދެމި އޮތުން ހަޖަމް ކުރުމަށް ހިންދޫންނަށް އެންމެ ދަތި އާބާދީއެވެ.

ޕަޓޭލްގެ ބަދަލުތަކަކީ ހަމަ ރަނގަޅަށްވެސް، ހިންދޫންގެ ނުފޫޒު، ލަކްޝަދީބަށް ގަދަ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ބުނެވެއެވެ.

ގެރިމަހާއި ގެރިމަހާ ގުޅޭ ހުރިހާ ވިޔަފާރިއެއް މަނާ ކޮށް، އެފަދަ ކަމެއްގައި ބައިވެރިވާ މީހެއްގެ މައްޗަށް ޖަލު ހުކުމް އިއްވަން ރާވާފައި ވާއިރު، ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ބުނެ ވެއްޓަށް ގެއްލުން ދެނިވި ތަރައްގީއާއި، ބިންވެރިންގެ ހައްގު ނިގުޅައި ގަތުމުގެ ޖަރީމާ ހިންގަން ވަނީ ގައިޑްލައިން އެކުލަވާލާފައެވެ. އަދި އެވަރުން ނިމޭކަށް ނެތެވެ. މުސްލިމުންގެ މެޖޯރިޓީ އޮތް ބިމެއްގައި، ރާ ހަލާލު ކުރުމަށްވެސް ޕަޓޭލް ވަނީ އަމާޒު ހިފާފައެވެ.