ހިނގަމުން މިދާ 1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރަން އެދޭ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކަކާ، ހައްޖުވުމަށް ދަފުތަރުވުމާ ބެހޭ އިޖުރާއަތުތައް، ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ހާމަކޮށްފިއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެދޭ އަންހެނުންނަށް، މަހްރަމަކާ ނުލާ، އެހެން އަންހެން ހާޖީންނާއެކު، ހައްޖުގެ އަޅުކަން އަދާ ކުރެވޭނެ ފުރުސަތު، ސައުދީން ވަނީ ދީފައެވެ.

ހައްޖު ވާން އެދޭ ކޮންމެ މީހަކީވެސް ވަކިވަކީން ދަފުތަރު ކުރަން ޖެހޭނެ މީހެއް ކަމަށް ސައުދީން ބުނެއެވެ.

ހައްޖު މޫސުމާ ދިމާކޮށް، ހައްޖު މިނިސްޓްރީން ވަނީ 3 ޕެކޭޖެއްވެސް ތައާރަފު ކޮށްފައެވެ. ފުރަތަމަ ޕެކޭޖަކީ 12113 ސައުދީ ރިޔާލުގެ ހޮސްޕިޓާލިޓީ ޕެކޭޖު ކޭމްޕްސްއެވެ. ދެވަނަ ޕެކޭޖަކީ، 14381 ސައުދީ ރިޔާލުގެ ޑިސްޓިންގުއިޝްޑް ހޮސްޕިޓާލިޓީ ކޭމްޕްސް ޕެކޭޖެވެ. އަދި ތިންވަނަ ޕެކޭޖަކީ، ޑިސްޓިންގުއިޝްޑް ހޮސްޕިޓާލިޓީ ޓަވާޒް ޕެކޭޖެވެ. މިއީ 16560 ސައުދީ ރިޔާލުގެ ޕެކޭޖެކެވެ.

މި އަހަރު ހައްޖުވާން އެދޭ މީހާގެ ކިބާގައި ފުރިހަމަ ވާން ޖެހޭ މައިގަނޑު ޝަރުތުތަކެއްވެސް ސައުދީން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި:

  • އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވުން
  • ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ލިބިފައި ވުން (ބަލި ޖެހިގެން ރަނގަޅުވެ ދިފާއު ލިބިފައި ވުން ނުވަތަ ވެކްސިންގެ ފުރަތަމަ ޑޯޒްއާއެކު ދިފާއު ހޯދާފައިވުން)
  • ދާއިމީ ބަލިތަކުން ސަލާމަތްވެފައިވާ މީހަކަށް ވުން
  • ސައުދީގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތަކަށް ވުން ނުވަތަ ސައުދީގައި ދިރިއުޅެމުންދާ އެހެން ގައުމެއްގެ ރަށްވެއްސަކަށް ވުން
  • ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖެއް ވެފައި ނުވާ މީހަކަށް ވުން ހިމެނެއެވެ.

ކުރިއަށް އޮތް ހައްޖުގެ އަޅުކަން އަދާ ކުރަން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ދަފުތަރު ވުމުގެ ފުރުސަތު، އިއްޔެއިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޖޫން 25 ގައި ދެވަނަ މަރުހަލާ ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ރަޖިސްޓާ ކުރި ފަރާތްތައް ބައިބަޔަށް ގިންތިކޮށް، ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުގެ މަރުހަލާއެވެ.

ސިއްހީ އުސޫލުތަކާ ގަވައިދުތަކަށް ބަލައިގެން ޖާގަތަކަށް މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، ދުވަހަކުވެސް ހައްޖު ވެފައި ނުވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ސައުދީން ބުނެއެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ، ޖާގަ ކެންސަލް ވިޔަ ނުދިނުމަށްޓަކާ، ޕެކޭޖު ހިޔާރު ކުރާތާ 3 ގަޑިއިރުގެ ތެރޭގައި ފައިސާގެ ކަންކަން ހަލާސް ކުރަން ޖެހޭނެ ކަމަށް ޝަރުތު ކޮށްފައެވެ.

1442 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް 60000 މީހުންނަށް ފުރުސަތު ދިނުމަށް ސައުދީން ވަނީ ނިންމާފައެވެ. ސައުދީގައި ދިރިއުޅެމުންދާ ހުރިހާ ގައުމެއްގެ މީހުންނަށް މި ފުރުސަތު ހުޅުވާލާފައި ވާއިރު، ވަކި ގައުމަކަށް އިސްކަން ދިނުމުގެ ސިޔާސަތެއް ނުގެންގުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.