ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވި އުމުރުން ހަތް އަހަރުގެ ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ފައިސަލް ވިދާޅުވީ ވެންޓިލޭޓަރަށް ލީ އެންމެ ހަގު ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.

ތ. އަތޮޅަށް ނިސްބަތްވާ އެ ކުއްޖާއަކީ ރާއްޖޭގައި ކޮވިޑް ޖެހި ހާލު ގޯސްވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިން އެންމެ ހަގު ކުއްޖާއެވެ.

މި ވަގުތު ރާއްޖޭގައި ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ 6 މީހަކަށެވެ. ޖުމްލަ 13 މީހުން އައިސީޔޫގައި ދަރުވާ ދެމުން އަންނަ އިރު ވޯޑުގައި އަންނަނީ 84 މީހަކަށް ފަރުވާ ދެމުންނެވެ.

މި މަހުގެ މިހާތަނަށް އައި އިރު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވެސް އަންނަނީ ދަށްވަމުންނެވެ. އިއްޔެ މުޅި ރާއްޖެއިން ޖުމްލަ 246 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ޕޮޒިޓިވް ވި މީހުންނާއެކު އެކްޓިވް ކޭސް ވެސް ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 11،041 މީހުން އެބަ ތިއްބެވެ. އަދި ކޮވިޑް ޖެހުނު 70،077 މީހުންގެ ތެރެއިން 58،832 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު ވަނީ 195 އަށް އަރާފައެވެ.