ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިފައިވާ ގޮތަށް ބަލާ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނީ، ސައުދީ އަރަބިއްޔާގައި ދިރިއުޅެމުންދާ އެ ގައުމުގެ ރައްޔިތުންނާ، އެހެން ގައުމުތަކުން ސައުދީ އަރަބިއްޔާގައި ރަށްވެހިވެފައިވެ، އެ ގައުމުގައި މިވަގުތު ދިރިއުޅެމުން އަންނަ މީހުންނަށް އެކަނި ކަމަށް، ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަ ކުރި ގޮތުގައި، 1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު، މި މޭރުމުން ދިނުމަށް ހަމަޖެހިފައި ވަނީ 60000 މީހަކަށެވެ. އަދި އެމީހުންނަކީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ވާންޖެހޭނެ ކަމަށާ، އެއީ ދާއިމީ ބައްޔެއްގައި އުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް ސައުދީއިން ވަނީ ޝަރުތު ކޮށްފައެވެ. އަދި ހައްޖުވާން އެދޭ މީހާ، ސައުދީއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވެކްސިން ޖަހަން ޖެހޭނެ ކަމަށްވެސް ސައުދީއިން ވަނީ ނިންމާފައެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު، ސައުދީގައި ތިބި މީހުންގެ ތެރެއިން 60000 މީހަކަށް ހުޅުވާލަން ނިންމާފައި ވާއިރު، އެކި ގައުމުތަކުގެ މީހުންނަށް ފުރުސަތު ދޭނެއެވެ. ނަމަވެސް، އެކަމުގައި ކޯޓާ އުސޫލެއް އޮތް ކަމެއް ނުވަތަ ނޫން ކަން ހާމަކޮށްފައެއް ނުވެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ، މުސްލިމް ވޯލްޑް ލީގު (އެމްޑަބްލިއުއެލް) އިން ވަނީ ސައުދީގެ ނިންމުމަށް މަރުހަބާ ކިއާފައެވެ.