ގދ. ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 315 އަށް އަރާފިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 56 ސާމްޕަލްއެއް ނަގާފައިވާއިރު އޭނގެ ޕޮޒިޓިްވެފައިވަނީ 9 މީހުންނެވެ.

މިހާތަނަށް 3854 ސާމްޕަލް ނަގާފައިވާއިރު 124 ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 399 މީހަކު ފާހަގަކުރެވިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. މިބަލިން 184 މީހުން ރަނގަޅު ވެފައިވާއިރު ފެސިލިޓީގައި 5 މީހަކަށް ފަރުވާދެމުންދާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ތިނަދޫން ކޮވިޑަށް ބަޔަކު ޕޮޒިޓިވްމާއި ގުޅިގެން، އެޗްޕީއޭ އިން އޭޕްރިލް 25، 2021 އިން ފެށިގެން ރަށް މޮނިޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވަމުން ދާތީ އެޗްއީއޯސީ އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު، މޮނިޓަރިން ހަލަތު އުވާލަންދެން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން ސައިހޮޓާ ރެސްޓޯރަންޓްތަކުން އާއްމު ހިދުމަތް ދިނުން މެދުކަނޑާލުމާއެކު، ރައްކާތެރިކަމާއެކު ކާބޯތަކެތި ޑެލިވަރީކުރުމުގެ ހިދުމަތް ދިނުމަށް ވަނީ ފަށާފައެވެ. އަދި ފިހާރަތަކުން ރައްކާތެރިކަމާއެކު ޑެލިވަރީ ހިދުމަތްދިނުމާއި، ފައިސާ ބަލައިގަތުމުގައި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ވަނީ ހަދާފައެވެ. ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ.

އޭގެ އިތުރުން ބިއުޓީ ސެލޫންތައް / ބޯކޮށާ ތަންތަން މެތަންތަން ބަންދު ކުރުމާއި ކަސްރަތު ކްލާސްތަކާއި، ޖިމް، އަދި ހުރިހާ ކުޅިވަރު ކޯޓްތަކާއި ކުޑަކުދިންގެ ޕާކްތަކާއި، މިއުޒިއަމް ޕާކްތައް ވަނީ ބަންދުކޮށްފައެވެ. އަދި ސްކޫލްތަކާއި، ކޮލެޖް ޔުނިވާސިޓީ އަދި ޓިއުޝަންކުލާސްތަކާއި ޤްރުއާން ކުލާސްތައް އޮންލައިންކޮށްކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.