އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރަން އުޅޭ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޭކް ޓުވިޓާ އެކައުންޓެއް ކަމަށްވާ އެލެކްސް އަހްމަދުގެ އެކައުންޓުން ދީފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ދެބައި ވެއްޖެ ކަމަށާއި އެއީ އެތެރޭގެ ކޯޅުމެއް ކަމަށާއި އެކޯޅުން ހުއްޓޭނީ އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ލިބޭ ބޭފުޅަކު ޔަގީން ވުމުން ކަމަށް ބިގޭ ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. އަދި އިސްލާހީ މަސައްކަތާއި އަދި އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެއްވެސް މީހަކު އެ ޕާޓީ ބައިބައިވުމަށް ބޭނުން ނުވި ނަމަވެސް އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ ކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީ ދެބައިވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ފިޔަވަޅު އަޅާ ކޮމިޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާ ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އެޅުން ކަމަށާ އެފަދަ މީހުން ޕާޓީން ވަކިކުރުން ކަމަށެވެ.

އެލެކްސް އަހުމަދު ބުނެފައި ވަނީ "މި އޮޑިއެއް ނުފެތޭނެ ކަމަށާ މި އަޒުމެއް ނުގުޑާނެ" ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވާއިރު، ރާއްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނަ ކޮމިޓީތަކުގައިވެސް އެ ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ.

އެގޮތުން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ބިގޭއަށެވެ. އެއީ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުވުމަށް ޑިފެންސުން ނިންމި މައްސަލައިގައި ދައުވާކުރަން ބޭނުންވެގެން ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރި ކޮމިޓީން ބޭރުކޮށްލުމަށް އޭނާ ވޯޓު ދެއްވުމާ ގުޅިގެންނެވެ.