ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ދެބައި ވެއްޖެ ކަމަށާއި އެއީ އެތެރޭގެ ކޯޅުމެއް ކަމަށާއި އެކޯޅުން ހުއްޓޭނީ އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ލިބޭ ބޭފުޅަކު ޔަގީން ވުމުން ކަމަށް އަލިފުށީ ދާއިރާ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދުގެ ކޮއްކޯފުޅު ހުދާ އަހުމަދު އާއި ކަައިވެނި ބައްލަވައިގެން އުޅުއްވާ ބިގޭ މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، އިސްލާހީ މަސައްކަތާއި އަދި އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެއްވެސް މީހަކު އެ ޕާޓީ ބައިބައިވުމަށް ބޭނުން ނުވި ނަމަވެސް އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ ކަމަށެވެ.

ބިގޭ ވިދާޅުވީ، އެމްޑީޕީއަށް ހެޔޮއެދޭ އަދި އިސްލާހީ މަސައްކަތްތަކަށް ގުރުބާނީވި އެއްވެސް މީހަކު އެކަން އެމަގުން ދިއުމަށް ނޭދޭނެ ކަމަށެވެ. އެކަމަކު އަމިއްލަ މަސްލަހަތު އިސްކުރާ މީހަކު އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވިދާޅުވާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގޮންޖެހުންތަކާ އެކު އަދިވެސް ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ނަމަވެސް ކަންބޮޑުވުންތަކެެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއް ޕާޓީއެއްގައި ތިއްބަވައިގެން އެ ދެ ބޭފުޅުންގެ ކޯޅުން ބޮޑުވެ، ޕީޕީއެމް ރޫޅުނު ތަން ފެނިވަޑައިގަތުމުން ހިންހަމަޖެހުން ލިބިވަޑައިގަތް ކަމަށް ބިގޭ ވިދާޅުވިއެވެ. މިހާރު އެމްޑީޕީގައި ހިންގާ ހަމަނުޖެހުންތަކަށް އަލި އަޅުއްވާ ލައްވަމުން ބިގޭ ވިދާޅުވީ، މި ކޯޅުން އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ވަކި ބޭފުޅަކަށް ލިބެންދެން ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ބިގޭ އިޝާރާތް ކުރެއްވިއެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ދައުލަތުގެ ދެ ބާރެއްގެ ވެރިން ކަމަށާއި އެމްޑީޕީގެ އެތެރޭގެ ކޯޅުމަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ޓިކެޓްގެ ކަންކަން ހަމަޖެހުމުން ކަންކަން ހަމައަކަށް އެޅި، އެއް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ބިގޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިންގުމަށް ހުރަސް އެޅޭ ހިސާބަށް ކަންކަން ގެންދެވޭ ނަމަ، އެއް ޕާޓީއަކުން ހިންގާ އެ ދެ ބައިގެ މަސައްކަތް އެދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަރުކާރާއި އަދި މަޖިލީހުގެ ކޮންޓްރޯލް އެއް ޕާޓީއެއްގެ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެކަން ކުރަން ޖެހޭނީ އެންމެ ހެޔޮގޮތުގައި ކަމަށަ ބިގެ ވިދާޅުވިއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަކި ވަރަކަށް ވުރެ ބޮޑަށް ދޫކޮށްލެއްވިއްޖެ ނަމަ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރު ހިންގަން ދަތިވާ ވަރަށް މަޖިލީހުން ވަދެގެން ނުވާނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ވެސް ހިންގާ ޕާޓީ، އެމްޑީޕީގެ ތެރޭގައި އުފެދެމުން އައި މައްސަލަތައް މި ފަހުން ބޮޑުވެ އާންމުންނާ ހަމައަށް ތިލަވީ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީ އަށް ހުރަސް އެޅުމަށް ރައީސް އިސްވެ ހުންނަވައިގެން ބިގޭ މެދުވެރި ކުރައްވައި، މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުއްވަން އުޅުއްވާ ކަމަށް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ. މި މައްސަލަތައް ފެށިގެން އައިސްފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅު ހަދައި، މަޖިލީހަށް ސިޓީއެއް ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު ނާޅަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމި ހިސާބުންނެވެ.