ރައްޓެއްސަކު ގުޅައިފައި ބުންޏެވެ. މާލޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓަރީއެއް ހަދަން އެބަ އުޅެޔޭއެވެ. މިވާހަކަ އިވިފައި ހީވީ މެޔަށް ފެން އެއްޗެއް އަޅައިލި ހެނެވެ. ކޮޅު މި ހިއްލުނީ ވާހަކައިގެ އެކި ކޮޅު އެކި މީހުން ހިއްލައިގެން ދައްކާނޭ ވާހަކައެއްގެއެވެ. އެކި މީހުން އެކި ޖަޒުބާތުގައި ޖެހި، ދެ ކޮޅުންމެ ހަލަބޮލިކޮށް ބަސްބުނާނެ މައްސަލައެއްގެއެވެ.

ވާހަކަ އިވުނު ވަގުތު ހީވި ހީވުން ވީ ރަނގަޅު ހީއަކަށެވެ. ބިދޭސީންގެ އެކި އެކި މައްސަލަޔާއި، އެ މީހުންގެ ފަރާތުން ކުރިމަތިވާ މައްސަލަތަކުގެ ވާހަކަޔައިގެން އިންޓަނެޓުގެ އެކި ނަން ކިޔާ އެކި ގުނަން އިސާހިތަކު ގުގުމާލައިފިއެވެ. މައްސަލައިގެ އެއް އިމުގެ ހައްދުގައި ތިބި ބަޔަކު ބޭނުންވަނީ ގަވައިދާ ހިލާފަށް މިރާއްޖެޔަށް އަރައިގެން އުޅޭ ކަމަށް ބުނާ ބިދޭސީން ހަމަ މިހާރު، ހަމަ މި ވަގުތުން ވަގުތަށް ރާއްޖޭން ބޭރުކުރާށެވެ. އިމުގެ އަނެއް ހައްދުގައި ތިބި މީހުން ބުނަނީ އެ ފަކީރުންނަކީ އިންސާނީ ވަގުފާރީގައި އަނިޔާ ލިބިގެންވާ މީހުން ކަމަށް ވާތީ، އެ މީހުންނަށް އެހީވާށޭއެވެ. މި ދެ އިމުގެ އެތެރޭގައި އަދި އެތައް އެތައް ފަށަލައެއްގެ ވިސްނުން ގެންގުޅޭ މީހުންވެސް ތިއްބެވެ.

ދެން ހިތަށް އެރި ސުވާލަކީ މިއެވެ. ގަވައިދާ ހިލާފަށް މި ރާއްޖެޔަށް އަރައިގެން އުޅޭ ބަޔަކާ، ނުވަތަ ވަގުފާރީގެ އަނިޔާ ލިބިފައިވާ ބަޔަކާ ނަމަވެސް، އެ ބުނާ ރަޖިސްޓަރީއަކާ ހުރީ ކޮން ގުޅުމެއް ހޭ އެވެ!

ވިސްނުން މި ހިސާބަށް ދިޔަތަނާ، ދެން އައިސް ކުރިމައްޗަށް އެ ހުއްޓުނީ އަދި އެހެން ސުވާލެކެވެ. އެ ބުނާ ރަޖިސްޓަރީއަކީ ކޮން ބަޔަކަށް އަނެއްކާ ކިހިނެއް ހަދަން ހުޅުވައިލާ ރަޖިސްޓަރީ އެއް ބާވައޭ، މިއެވެ! ދެން ހިތަށް އެރީ މުސްކުޅި ބަހެއްގައި އެ ބުނާ ހަކުރު އަޑުބައިގެ ދެކޮޅުގެ ވާހަކައެވެ. އެހެން އެވީ، މިތާނގައި ގަވައިދާ ހިލާފަށް މިއުޅޭ ބިދޭސީންގެ ވެސް މައިގަނޑު ދެ ބާވަތެއް އުޅޭތީއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދަށް ވައްދަން ސަރުކާރުން ހިންގި ޕްރޮގްރާމުގެ ތެރެއިން / ފައިލް ފޮޓޯ

އެ ބުނާ ރަޖިސްޓަރީއެއް އެ ހަދަނީ ބައެއްގެ އަނިޔާވެރި ކަމުގެ ޝިކާރަޔަކަށް ވެފައި ތިބި ބަޔަކު އެ އަނިޔާވެރިކަމުން މިންޖު ކުރުމުގެ ނިޔަތުގައި ކަމަށް ވަންޏާ، ރަޖިސްޓަރީ ހަދަން އުޅޭ ބަޔަކަށް އައްސަރިބަހުން ސާބަހެވެ.

މިބުނާ ފުރަތަމަ ބާވަތުގެ ބިދޭސީންގެ ތެރޭގައި ހިމެނެނީ، ބޭރު ކަރައެއްގެ ނުވަތަ ރާއްޖޭގެ ބައެއް އެޖެންޓުން އެމީހުންނަށް ވަޒީފާ ދޭނަމޭ ކިޔައިގެން މިތަނަށް ގެނެސްފައި ބިކަކޮށް، ދޫކޮށްލާ މީހުންނެވެ. ނުވަތަ ވަޒީފާޔަށޭ ކިޔައިގެން ގެނެސް އެ މީހުން ލައްވައި މަސައްކަތްވެސް ކުރުވައިފައި، މުސާރަވެސް ނުދީ ރަށުތެރެޔަށް ފައްސައިލާ މީހުންނެވެ. ނުވަތަ ވަޒީފާގެ މުއްދަތު ހަމަވީމައި ފުރުވައިލާށޭ ކިޔައިގެން ވައިގެބަނދަރާ ހަމަޔަށް ގެންގޮސްފައި ޓިކެޓު ނުދީ ދޫކޮށްލާ މީހުންނެވެ. ނުވަތަ ދެންވެސް މިކަހަލަ ގޮތަކުން ގޮތްހުސްވެގެން އާވާރާވެގެން ރަށުތެރެޔަށް ނިކުންނަން މަޖުބޫރުވާ ގޮތަށް ބެލެނިވެރިކަމުން ބޭރުކޮށްލާ ނިކަމެތީންނެވެ.

މިބުނި ފުރަތަމަ ޒާތުގެ މީހުން ރަޖިސްޓަރީ ކުރުމުގައި ކުޑަ ޝަރުތަކާ ލައިގެން އެކަން ކުރެވިދާނެއެވެ. އެއީ، މިރާއްޖެޔަށް ބިދޭސީން ގެނައުމުގައި ގެންނަ ފަރާތުން ސަރުކާރަށް ޒިންމާދާރު ވާން ޖެހޭ ގޮތަށް އޮންނަ އޮތުމަށް އަމަލީ ސިފަ ގެނައުމާއެކު އެކަން ކުރުމެވެ. ކުރިން މި ބުނި ގޮތަށް ބިކަކޮށްލީމައި ގަވައިދުން ބޭރުގައި އުޅެން މަޖުބޫރުވެފައި ތިބޭ ބިދޭސީން، އެ މީހުން ގެނައުމުގައި ޒިންމާވި މީހުންނާ ހަވާލު ކުރުމެވެ. އަދި ހަވާލު ނުވެއްޖެ ނަމަ އެ މީހުން އަނބުރާ ގައުމަށް ފޮނުވައިލުމުގެ އެންމެހައި ހަރަދެއް ކުރުމުގެ ޒިންމާޔާ އިސްވެ ހަވާލުވި މީހުން ލައްވައި ކުރުވުމެވެ. ވަޒީފާ ދިން ފަރާތުުން ފުރަތަމަ ބެހެއްޓި ޑިޕޮސިޓުވެސް އެ ކަމުގައި ބޭނުންކުރުމެވެ. ޒިންމާވާން ޖެހޭ ފަރާތުން މިކަމަށް ހަރަދުކުރާނެ ފައިސާއެއް ނެތޭ ބުނެފިތަ، އެ މީހުން އިފުލާސް ކޮށްގެން ނަމަވެސް އެކަން ކުރުމެވެ. އަދި ބަޔަކު ބިކަވުމުގައި އިހުމާލުވީ އެންމެން، އިސްތިސްނާއެއް ނެތި، އެކަމުގައި ޒިންމާދާރު ކުރުވައި، ޖަވާދުދާރީވެސް ކުރުވުމެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

ދެން އޮތީ ދެވަނަ ބާވަތުގެ ބިދޭސީންގެ ވާހަކައެވެ. އޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ވިސާގައި އައިސްފައި ފިލާ މީހުންނެވެ. ވަގު ހުއްދައިގައި އިހުގައި ނަމަވެސް އެތެރެވި ކަމަށް ބުނެވޭ މީހުންނެވެ. ފައިސާޔަށް ބޭނުންވެފައި ތިބޭ ވަކި ޒާތެއްގެ ދިވެހީންނާ ދުރާލާ "ޑީލް" ހަދައިގެން މަސައްކަތު ވިސާގައި އެތެރެވެފައި، އަމިއްލަ މަސައްކަތާއި ވިޔަފާރި ކުރަން މިނިވަން ވެގަންނަ ބިދޭސީންނެވެ. ގަވައިދާ ހިލާފު އެހެން ބިދޭސީންގެ ”ކުދިވިޔަފާރީގެ“ ނިވަލުގައި އެތެރެވާ ބިދޭސީންނެވެ. އަދި މިނޫންވެސް މިކަހަލަ ގޮތްގޮތުން ގަސްދުގައި ގަވައިދާ ހިލާފަށް ރާއްޖެޔަށް ވަދެގަނެ، ރަށަށް ޑޮލަރު ފޮނުވުމުގެ ބޭނުމުގައި މި ތަނުގައި އުޅެމުން ގެންދާ ބިދޭސީންނެވެ. ކަޅު ބާޒާރުތަކުން ވެސް ފެންނަ ކަމަށް އެބުނާ ޒާތުގެ ދާދާ ބިދޭސީންނެވެ.

މި ބުނި ދެވަނަ ބާވަތުގެ މީހުން ރަޖިސްޓަރީ ކުރެވޭނަމަ ކުރެވެން ޖެހޭނެ އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ މުޖުރިމުންގެ ގޮތުގައެވެ. ރާއްޖޭގެ ގާނޫނީ ސަރަހައްދުގެ ހުރުމަތް ގަސްދުގައި ކަނޑައިލައި، ގާނޫނުތައް އައްސުން މުގުރައިލައިގެން އުޅޭ ބޮޑެތި ކުށްވެރީންގެ ގޮތުގައެވެ. މިއީ ގާނޫނީ ލަފަޔާ އެކު ވަރަށް ފަސޭހައިން ކުރެވިދާނޭ ކަމެއް ކަމަށް ފެނެއެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފުރުވާލުމަށް ސަރުކާރުން ހިންގި ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މިހާރު މުޅި ދުނިޔެއަށް، އަދި ވަކީން ހާއްސަކޮށް މިރާއްޖެޔަށް، ކުރިމަތިވެފައި މިއޮތީ އިގްތިސާދީ ގޮތުން ވަރަށް ދަތި ދުވަސްވަރެކެވެ. ލަފާ ކުރެވޭ ގޮތުގައި ދަތި އަދިވެސް ވާނީ ބޮޑެވެ. އެހެން ކަމަށް ވާއިރު، އެ ބުނާ ކަހަލަ ރަޖިސްޓަރީއެއް ހަދައިގެން އެ ރަޖިސްޓަރީއިން ކުރެވޭނޭ ބޭނުމަކީ ގާނޫނާ ގަވައިދާ ހިލާފަށް މިރާއްޖޭގައި އުޅެމުން ގެންދާ ބިދޭސީންގެ ތެރެއިން އަނިޔާ ލިބިފައިވާ ބަޔަކު އެކަމުން މިންޖުކުރަން މަސައްކަތްކުރުން ކަމަށް ވަންޏާ ޝުކުރު ހުއްޓެވެ. އަދި އައްސުން ގަވައިދާ ހިލާފު ވެގަނެގެން އުޅޭ މީހުން ވަގުތުން ބޭރުކުރުން ކަމަށް ވަންޏާ ވަކީން ހާސް އުފަލެވެ. އެކަމުގެ ފައިދާ ކުރާނީ ދިވެހި މަސައްކަތްތެރީންނަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށްވެސް މެއެވެ. މާލެޔަށާއި ޖުމްލަކޮށް މުޅި ރާއްޖެޔަށް މެއެވެ.

އެޔާ ހިލާފަށް، ހެދޭނޭ ކަަމަށް އެ ބުނާ ރަޖިސްޓަރީގެ މައި ބޭނުމަކީ ގަވައިދާ ހިލާފަށް މިތާނގައި މިހާތަނަށް އުޅެމުން ގެންގޮސްފައިވާ ބަޔެއްގެ ނަން އެއްޗެއްގައި ޖައްސާފައި އެމީހުން މިހާރު އެ ތިބީ ގަވައިދުގެ ދަށަށް ގެނެވިފައޭ ބުނުން ކަމަށް ވަންޏާ، މި ދޮންމަނިކު ބުނަން އޮތީ ހަމައެންމެ އެއްޗެކެވެ. އެއީ މިއެވެ. ރާއްޖެޔަށް ކުރިމަތިވެފައިވާ މިކަހަލަ ބޮޑު މައްސަލަޔަކަށް އެކަހަލަ ”ފަސޭހަ“ ހައްލެއް ހޯދުމުގެ ހިކުމަތް ބޮޑަށް އެނގޭނީ މި ދޮންމަނިކަށްވުރެ ބޮޑަށް ކިޔަވައިގެން ތިބި މީހުންނަށް ތާއޭ އެވެ. މި ދޮންމަނިކަށް ވުރެ ތަޖުރިބާގެ ގޮތުން މޮޅު، މި ދޮންމަނިކަށް ވުރެ ބޮޑަށް ދުނިޔެ ދަންނަ މީހުންނަށް ތާއޭ އެވެ. އަދި އެފަދަ މީހުން އެކަމުގެ ޒިންމާވެސް ނަގާނެ ތާއޭ އެެވެ.

އެކަމަކު، ދޮންމަނިކު އަދިވެސް މިހުރީ ސިހިފައެވެ. ވާނެ ގޮތެއް ހަމަ ނޭނގޭތީއެވެ. އެ ބުނާ ރަޖިސްޓަރީއެއް ގެ ވާހަކަ ނިއުޅެމުންދާ ގޮތްވެސް އަޅެ ފެންނާނެތާއެވެ! އުންމީދު ކުރަނީ ކަން ވާނީ ރަނގަޅަށް ކަމަށެވެ.