5955 ދަރިވަރުންނާއެކު މޭ 2، 2021 އިން ޖޫން 11، 2021 ގެ ނިޔަލަށް ބޭއްވި ސާނަވީ އިމްތިހާނުތައް ކާމިޔާބުކަމާއެކު ނިންމާލެވިފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ ސާނަވީ ނިންމާ އިމްތިހާނު 234 ސެންޓަރެއްގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ މި ދަތި ވަގުތުގައި އާދަޔާހިލާފު ހިތްވަރެއް ދެއްކި ދަރިވަރުންގެ ހިތްވަރާ ކެތްތެރިކަމާ ނުގުޑާފަދަ އަޒުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައްސަރިބަހާ ސާބަސް ކިޔާފައެވެ.

މި ދަތި ދަނޑިވަޅުގައި އިމްތިހާނުގެ ކަންކަން އިންތިޒާމުކޮށް ތަންފީޒު ކުރުމުގައި ޑިޕާޓްމަންޓްއޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގެ ހީވާގި މުވައްޒަފުން ވެވަޑައިގެންނެވި ޤުރުބާނީ ފާހަގަކޮށް ޑީޕީއީ ގެ ހީވާގި މުވައްޒަފުންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.

އަދި ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުން އަދި ވަކިން ހާއްސަކޮށް މުދައްރިސުންނަށާ މިނިސްޓްރީގެ އެކިއެކި ޑިވިޝަންތަކުން އިމްތިހާނުގެ ކަންކަމުގައި ހަރަކާތްތެރިވި ހުރިހާ މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އިމްތިޙާނުތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ޕޮލިސް ސާރވިސް، ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް، ރަށްރަށުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އިމްތިޙާނުތަކާގުޅިގެން ކުރަން ޖެހުނު ދަތުރުތައް ކުރުމުގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް މިހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރަމެވެ.
އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ވަނީ އިމްތިހާނު ހެދި ދަރިވަރުންނަށް ރައްކާތެރިކަމާ ކާމިޔާބީއަށް އެދިފައެވެ. އަދި ޖުމުލަކޮށް އިމްތިހާނުގެ ކަންކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.