އެ އްރަށުން އަނެއްރަށަށް ރުއްގަސް ކަނޑައިގެން ގެންދެވޭނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ލިބިގެން ކަމަށް އީޕީއޭ އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި ރިސޯޓުތަކަށާ ހިއްކާފައިވާ ބިންތަކަށް ގެންދިޔުމަށް އެކިފަރާތްތަކުން އީޕީއޭގައި އެދެމުންދާ ކަމަށެވެ. އަދި މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށާ، ނަމަވެސް ގިނަ ފަރާތްތަކަކުން ހަމައެކަނި އެ ރަށެއްގެ ކައުންސިލުގެ ހުއްދައަށް ރިއާޔަތްކޮށް ގަވާއިދާ ހިލާފަށް މި މަސައްކަތް ކުރަމުންދާ ކަމަށް އެ އޭޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން މިއެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ
އީޕީއޭ

އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިޔުމުގައި ރަށު ކައުންސިލްގެ އިތުރުން އިޕީއޭ އިންވެސް ހުއްދަ ނަގަންޖެހޭނެކަމަށް އެ އޭޖެންސީއިން ބުނެއެވެ. އަދި ރުއްގަސް ނެގުމުގައި ރިސޯޓް ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރަންޖެހޭ ކަންކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

  • އެމަޝްރޫއަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ
  • ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.
  • ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.
  • ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

އީޕީއޭ އިން ބުނެފައިވަނީ ލިޔެކިޔުންތައް މިގޮތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއްރަށަށް އުފުލާ ފަރާތްތައް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި މި އޭޖެންސީް ހުއްޓުވާ ފިޔަވަޅުއަޅާނެކަމަށް އެ އޭޖެންސީއިން އަންގައެވެ.