އދގެ 76 އާންމު މަޖިލީހުގެ ރިޔާސަތު ދިވެހި ރާއްޖެއަށް ކާމިޔާބީއަކީ، ޖަޕާނުގެ ޓޯކްޔޯއިން ފެށިގެން އެމެރިކާގެ މެންހަޓަންއާ ދެމެދު ހުރި ދިވެހި މިޝަންތަކުގައި މަސައްކަތްކުރައްވާ "ޓީމު ހާރިޖީ" ގެ މެންބަރުންގެ ބުރަ އަދި އިހުލާސްތެރި މަސައްކަތުގެ ނަތީޖާކަމަށް، 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް، އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުގައި ހިންގާ ދިވެހިރާއްޖޭގެ 17، ހާރިޖީ މިޝަންގެ ފޮރިން ސާވިސް އޮފިސަރުންނާ ވާޗުއަލްކޮށް ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި، ސިލްސިލާ ޓްވީޓްތަކެއްގައެވެ.

ހާރިޖީ މިޝަންތަކުގެ މަސައްކަތް ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، އެ މަސައްކަތްތަކަކީ ހުދު، ވަޒީރާއި މުޅި ދިވެހި ގައުމުވެސް ފަހްރުވެރިވާ މަސައްކަތްތަކެއް ކަމަށެވެ.

ހާރިޖީ މިޝަންތަކުން މަސައްކަތް ކޮށްފައި ވަނީ، ދަތި ދުވަސްވަރެއްގައި ކަމަށާ، ކޮވިޑުގެ ދަތިތަކުން އަރައިގަތުމަށާ، ހާރިޖީ ގުޅުންތައް ބަދަހިކުރުމަށް، އަދި ރާއްޖެއަށް ބޭނުންވާ އެހީއާއި ވިޔަފާރީގެ ފުރުސަތުތަކާ، އިންވެސްޓްމަންޓާއި ފަތުރުވެރިން އިތުރުކުރުމަށްވެސް އެ ޓީމުން ދިޔައީ މަސައްކަތްކުރަމުން ކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަން ކަމުގައިވެސް "ޓީމު ހާރިޖީ" އިން ކާމިޔާބު ހޯއްދަމުން އަންނަކަން، ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި، ފަހުރުވެރިކަމާ، ޝަރަފުވެރިކަމާ، އިތުބާރާއެކު، ހައްލު ހޯދުމުގެ ރޫހުގައި، "ޓީމު ހާރިޖީ" އިން ކުރި، މަސައްކަތެއް ކަންވެސް، ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

76 ވަނަ އާންމު މަޖިހުގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށްފަހު، އދގެ މަރުކަޒީ އިދާރާގެ މައި ހޯލުގައި ކުރެއްވި ފުރަތަމަ ތަގުރީރުގައިވެސް ޝާހިދު ވަނީ "ޓީމު ހާރިޖީ"ގެ މަސައްކަތް ފާހަގަ ކުރައްވާ، އެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.