ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ހިންގާ ވެކްސިން ކެމްޕޭނަކީ، ގާތްގަނޑަކަށް 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަށް ކުރިއަށް ގެންދަން މާ ފަސޭހަ ކެމްޕޭނަކަށް ނުވާނެ ކަން ބުއްދި ގަބޫލުކުރާނެއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ބަލިމަޑުކަމުން ދިފާއު ހޯދުމަށް އިންޑިއާއިން އަމާން ކަމާއި އޮމާން ކަމާއެކު ވެކްސިން ކެމްޕޭން ފެށީ ޖެނުއަރީ 16، 2021 ވަނަ ދުވަހުއެވެ. ފުރަތަމަ ވެކްސިން ލިބޭ މީހުންގެ ތެރޭގައި ހިމެނީ ފްރަންޓްލައިން ހިދުމަތްތެރިންނާ، އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. އޭގެ ފަހުން ހުސްވި މެއި މަހު، އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ވެކްސިން ދޭން އިންޑިއާއިން ނިންމިއެވެ. ނަމަވެސް، އޭރު އިންޑިއާގެ ވެކްސިން ސަޕްލައި އޮތީ އިންތިހާއަށް ހީނަރުވެފައެވެ. ބިރުވެރި މެސެޖުތަކެއް ދެމުން އައި ދެވަނަ ތޫފާނީ ރާޅުވެސް އޮތީ ބިންދާލާފައެވެ.

އިންޑިއާ ސަރުކާރުން ބުނަނީ އެހީގެ ތަކެތި ދާންޖެހޭ މަންޒިލްތަކަށް ދާ ކަމަށް / ފޮޓޯ: ގެޓީއިމޭޖަޒް

ކަންމިހެން އޮތް ނަމަވެސް، ވެކްސިން ކެމްޕޭން ކާމިޔާބު ކުރުމަށް އިންޑިއާއަށް އޮތް ހަމައެކަނި މައްސަލައަކީ ސަޕްލައި ހީނަރުވުމެއް ނޫނެވެ. ކެމްޕޭން ރޭވުމާ، އުމްރާނީ ވަސީލަތްތައް ދަތިވުމުގެ އިތުރުން ދޮގު މައުލޫމާތު ފެތުރުމާ އެކު އެކަށީގެންވާ ސައްހަ މައުލޫމާތު ފޯރުކޮށް ނުދެވުމުގެ ގޮންޖެހުންތައްވެސް މިކަމުގައިވެއެވެ.

އިންޑިއާގެ އެކި ޑިސްޓްރިކްޓްތަކަށް ބަލާއިރު، ވެކްސިން ފޯރުކޮށްދިނުމުގައި ބޮޑެތި ފަރަގުތަކެއް ފާހަގަ ކުރެވެއެވެ. 729 ޑިސްޓްރިކްޓަކުން އެއްކުރި މައުލުމާތަށް ބަލާއިރު، ބައެއް ސަރަހައްދުތަކުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވެކްސިން ފޯރުކޮށްދީފައި ވާއިރު، އަނެއްބައި ޑިސްޓްރިކްޓްތަކުގައި މިއަދަދު އޮތީ އެންމެ 3 ޕަސެންޓްގައެވެ.

4 ޑިސްޓްރިކްޓަކަށް ތަފްސީލީ، އެހެން ނަމަވެސް ހުލާސާ ނަޒަރަކުން ބަލާއިރު މާހީއާއި ސައުތު ދިއްލީ އޮތީ ކުރީގައެވެ. ނަމަވެސް ސައުތު ސަލްމާރާ މަންކަޗާރާއި ތިރުވަނައްމަލާއި އޮތީ ފުލުގައެވެ.

ދުރާލާ ރާވައިގެން ވެކްސިން ކެމްޕާނަށް ތައްޔާރުވީ އެއް ސަރަހައްދަކީ މާހީއެވެ. މީހުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭންތައްވެސް ހިންގިއެވެ. ސިއްހީ ހިދުމަތްތެރިންނާއި ޓީޗަރުންވެސް ބައިވެރިވެގެން ދޮރުން-ދޮރަށް ކެމްޕޭން ހިންގިއެވެ. ނަތީޖާއަކަށްވީ، މިހާތަނަށް، އެ ޑިސްޓްރިކްޓްގެ އާބާދީގެ 53 ޕަސެންޓް މީހުން، ވެކްސިން ޖަހާފައި ވާ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ސްޓޮކެއް / ފޮޓޯ: އޭޕީ ނިއުސް

ހިންދޫން ވެރިކަން ކުރަމުން އަންނަ އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި އެންމެ ނިކަމެތި ހާލުގައި އޮތީ މުސްލިމުންގެ އާބާދީ ބޮޑު ސައުތު ސަލްމާރާ މަންކަޗާރާއެވެ. ބަންގްލަދޭޝްއާ ހިއްސާ ކުރާ ބޯޑަރުގައި ބައި މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ މި ސަރަހައްދުން ކޮވިޑް ވެކްސިން ޖަހާފައި ވަނީ އެންމެ 3 ޕަސެންޓް މީހުންނެވެ.

ބައެއް މީހުން ދަނީ، ހިންދޫ ސަރުކާރަކުން މުސްލިމުންނަށް ވެކްސިން ފޯރުކޮށްދޭތީ އެކަމުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. މިވީހާ ތަނަށް ބީޖޭޕީ ސަރުކާރުން އެމީހުންނަށް ފުރައްސާރައެއް ނޫނީ ކުރިމަތި ކޮށްފައި ނުވާ ކަމަށް ސައުތު ސަލްމާރާ މަންކަޗާރާ ސަރަހައްދުގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަތީޖާއަކަށް ވަނީ، ވެކްސިން ޖެހުމަށް ގިނަ ބަޔަކު ފަސްޖެހުމެވެ.

ދެން އޮތީ އިންތިހާބެއްގެ ސަބަބުން ކޮރޯނާވައިރަހުގެ ބިރު ކަނޑުވާލި ތިރުވަނައްމަލާއިގެ ވާހަކައެވެ. މި ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ އެންމެ 4-6 ޕަސެންޓާ ދެމެދު އަދަދެއްގެ ބައެކެވެ. ސަބަބެއް ކަމަށް ވަނީ، އިންތިހާބަށް ވީ ތައްޔާރީތަކުގެ ތެރެއިން، ކޮވިޑް-19ގެ ބަލިމަޑުކަމާ، ވެކްސިން ކެމްޕޭނަށް ދިން ސަމާލުކަން ކުޑަވުމެވެ. އިންތިހާބުގެ ދުވަސްވަރު، ކޮވިޑް-19 ނޫޅޭ ކަމުގެ އިހުސާސެއް ކޮށްދިނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ސްޓޮކެއް / ފޮޓޯ: ވީއޯއޭ

ސަރަހައްދުގައި މަޝްހޫރު އެކްޓަރެއް، ވެކްސިން ޖެހިތާ މާ ގިނަ ދުވަހެއް ނުވެ މަރުވި ހަބަރުވެސް ވީ، މީހުންގެ ހިތްތަކުގައި ބިރު އުފެއްދި ކަމަކަށެވެ.

މިހުރިހާ ކަމެއްގެ އިތުރުން، ވެކްސިން ސަޕްލައިގެ މައްސަލަވެސް އޮތީއެވެ. ނަމަވެސް، އިންޑިއާއިން ވަނީ އެގައުމުގެ ބޭނުމަށް ވެކްސިން ޑޯޒްތައް ކަށަވަރު ކުރުމަށްޓަކާ، އިންޑިއާއިން ބޭރަށް އެންމެ ޑޯޒްއެއްގެ ވެކްސިންވެސް ނުފޮނުވާން ނިންމާފައެވެ. އެ މޭރުމުން ކަން ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިއަހަރުގެ ފަހުކޮޅަށް ދިއުމުން ނޫނީ ވެކްސިން ސަޕްލައި ހަމައަކަށް އެޅެން ނެތް ކަމަށް ހަބަރުތައް ބުނެއެވެ.