ބަޣާވާތަކަށް ފަހު މިޔަންމާ ކޮންޓްރޯލް ކުރަމުން އަންނަ އަސްކަރިއްޔާގެ އޮޕަރޭޝަންތަކުން ސަލާމަތްވުމަށް، މިޔަންމާގައި ޑިމޮކްރަސީއަށް ގޮވާލާ ގިނަ އަދަދެއްގެ އެކްޓިވިސްޓު ހަނގުރާމަވެރިން، ބޯޑަރު ހުރަސްކޮށް، އިންޑިއާގެ އުތުރުގެ ސްޓޭޓްތަކަށް އެތެރެވަމުން ދިއުމާއެކު، އަވަށްޓެރި އިންޑިއާއިން ކަންބޮޑުވެއްޖެއެވެ.
އިންޑިއާއިން ކަންބޮޑުވަމުން ދަނީ، އެ ސަރަހައްދަކީ ޑިމޮކްރަސީއަށް ވަކާލާތު ކުރާ، އެކްޓިވިސްޓު ހަރަކާތްތައް ވަރުގަދަކޮށްފާނެ ސަރަހައްދަކަށް ވެދާނެތީ ކަމަށް ހަބަރު ލިބެއެވެ.
އިންޑިއާގެ 3 ސްޓޭޓެއް ކަމަށްވާ، މިޒޯރާމް، މަނިޕޫރު އަދި ނާގަލަންޑްގައި މިހާރުވެސް މިޔަންމާގެ 16000 އެއްހާ މީހުން އެބަތިބި ކަމަށް، މަދަނީ ޖަމިއްޔާތަކާ، ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ. ކުރިއަށް އޮތް މަސްތަކުގައި މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.
ތާވޫ ކޯރުން ބޯޑަރު ބައިކޮށްފައިވާ މިޒޯރާމް ސްޓޭޓަކީ، އެންމެ ގިނަ އަދަދަކަށް މިޔަންމާގެ މީހުން މިވަގުތު ތިބި ސަރަހައްދު ކަމަށް މައުލޫމާތު ލިބެއެވެ. ސްޓޭޓް ސަރުކާރުގެ އޮފިޝަލަކު ވަނީ، އެ ސަރަހައްދުގައި ތަމްރީނު ކުރިއަށް ގެންދިއުމުގެ ފުރުސަތެއް މިޔަންމާގެ މީހުންނަށް ނުދޭނެ ކަމަށާ، މިޒޯރާމްއަށް ތަކުލީފު ޖައްސައިފިނަމަ ރެފިއުޖީންނަށް އޮތް މައްސަލަ ބޮޑުވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.
އިންޑިއާއަކީ މިޔަންމާއާއެކު 1600 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާ ކުރަމުން އަންނަ ގައުމެކެވެ. އިންޑިއާގެ މައި ސަރުކާރުގެ ރޫހާ ހިލާފަށް، ހަނގުރާމަވެރި އެތައް ގުރޫޕަކުން މިހާރުވެސް ދަނީ އިންޑިއާގައި ހިމާޔަތް ހޯދަމުންނެވެ. ބޯޑަރުގެ 2 ފަރާތުގައި މި ޖަމާއަތްތަކުން ހަރަކާތްތެރިވެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން، މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.