ކޮވިޑަށް ޕޮޒިޓިވްވާ ސާމްޕަލް ފަދަ ތަކެތި އުކާލާ އިރު ބައެއް ކްލިނިކްތަކުން އާންމު ކުނިބުނީގެ ތެރޭގައި ބަހައްޓާކަން ފާހަގަ ކުރެވިފައި ވާތީ، އެކަން އެހެން ނުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އެމްޑީ ވިދާޅުވީ، ޕޮޒިޓިވް ސާމްޕަލް އުކާލުމުގައި، ބައެއް ކްލިނިކްތަކުން ޕެކިން ސްޓޭންޑަޑްއާ ހިލާފުވެފައި ވާ ކަމަށެވެ. އާންމު ކުނިބުނި އުކާލަން ވެމްކޯ މުވައްޒަފުން ގޮސް ނަގާ ކުނިބުނީގެ ތެރޭގައި ކޮވިޑަށް ޓެސްޓުކޮށްފައި ހުންނަ ސާމްޕަލްތައް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދުވަސްވަރަކަށް ވެފައި މި ފަދަ ދުވަސްވަރެއްގައި ހެލްތު ފެސިލިޓީތަކުން މިބާވަތުގެ ކަންކަން ފެނިގެން ނުވާނެ ކަމަށް އާދަމް ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ ގަސްތުގައި ކުރާ ކަމެއް ކަމަށް ސިފަ ކުރައްވަމުން އާދަމް ވިދާޅުވީ މިއީ ގަބޫލު ކުރަން ވެސް ދަތި ވާހަކަތަކެއް ކަމަށާއި އެކަމަކީ ހިތާމަ ކުރަންޖެހޭ ކަހަލަ ކަންކަން ކަމަށެވެ.

9 މެޑިކަލް ފެސިލިޓީއެއްގެ ކުނި ވެމްކޯއިން ނަގަންމުން އަންނައިރު، ކުނި އުކުމުގައި އެއްވެސް ތަނަކުން އާންމު ރައްޔިތުން ނުރައްކަލަކަށް ހުށަހެޅޭނެ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް އާދަމް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްތައް ފެނުނު ހިސާބުން ފެށިގެން މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ވެެމްކޯއިން އަންނަނީ ކުނި އުކާލުމުގައި ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އެ ގޮތުން ގޭގޭގެ ފްލޯތަކަށް މުވައްޒަފުން އަރާ އެޕާޓްމަންޓްގެ ބޭރުން ކުނި ނުނަގާ ގޮތަށް ހަމަޖެއްސިއެވެ. ހަމައެއާއެކު މިދިޔަ އަހަރު އޭޕްރީލް މަހު ހެލްތު ފެސިލިޓީތަކުން ކުނި ނެގުމުގައި ވެސް ހާއްސަ އުސޫލަކަށް ވެސް ވެމްކޯއިން އަންނަނީ އަމަލުކުރަމުންނެވެ.