އާދަޔާ ހިލާފަށް އަނިޔާވެރި މީހުންނަކީ އާންމު ބަހުސްތަކުގެ މައުލޫއިން ޖާގަ ދިނުން ހައްގު ބައެއް ނޫން ކަމަށާ، އޭނާ އަދިވެސް ދާނީ ކުރިއަށް ކަމަށް، އާންމުންގެ މީހެއްގެ ހަމަލާ އަމާޒުވި ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯން ވިދާޅުވެއްޖެއެވެ.

މެކަޣޯން މިހެން ވިދާޅުވެފައި މިވަނީ، އާންމުންގެ ތެރެއަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް، ބެރިކޭޑެއްގެ ފަހަތުގައި ހުރި މީހަކު، މެކަޣޯންގެ ކަންފަތްމަތީގައި، އަތުން ޖެހި ހާދިސާއާ ގުޅިގެންނެވެ. މިހާދިސާގައި މެކަޣޯންއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާއިރު، ފަރަންސޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، 2 މީހަކު ހައްޔަރު ކޮށްފައެވެ.

ހާދިސާއަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން މެކަޣޯން ވިދާޅުވީ، އެފަދަ މީހުންނަކީ އާންމުންގެ ބަހުސްތަކުން ޖާގަ ހައްގު ބައެއް ނޫން ކަމަށާ، އޭނާ އަދިވެސް ވަޑައިގަންނަވާނީ ކުރިއަށް ކަމަށެވެ. އަދި އެއްވެސް ކަމަކުން އޭނާ ނުހުއްޓުވޭނެ ކަމަށް މެކަޣޯން ވަނީ ވިދާޅުވެފައެވެ.

މެކަޣޯންއަށް ހިމާޔަތް ދިނުމުގައި، އެކަމަށް ހާއްސަ ސެކިއުރިޓީ ގުރޫޕަކުން ހަރަކާތްތެރިވެއެވެ. އަންހެން އަދި ފިރިހެން މެންބަރުންގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި 77 މީހަކު ހަރަކާތްތެރިވެއެވެ. އާންމު މީހެއްގެ ހަމަލާ އަމާޒުވިއިރުވެސް މި ޓީމު މެކަޣޯން ގާތު ހަރަކާތްތެރިވަމުން ދިޔައެވެ.