ޓެރަރިޒަމަކީ ކޮބައިކަން ކަނޑައަޅާ، ސާފު އިބާރާތުން އެކަން މާނަ ކުރުމަށް އދގެ ސިކްސްތު ކޮމިޓީ ނުވަތަ ގާނޫނީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތައް، އަވަސް މުސްތަގުބަލެއްގައި ކޮޅެއްގައި ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ކުރިއަށް އޮތް، އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް، އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އދގެ އާންމު މަޖިލީހުގެ ރިޔާސީ ގޮނޑި ކަށަވަރު ކުރެއްވުމަށްފަހު، އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ވިއޯންއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އުއްމީދުގެ 5 ދޯއްޖަކައިގެން އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ޝާހިދުގެ ޒައާމަތުގައި، ޓެރަރިޒަމްގެ މައްސަލައަށް ސަމާލުކަން ދެއްވާނީ ކޮން ގޮތަކުން ވިއޯންއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ޓެރަރިޒަމްގެ މާނަ ކުރުމުގައި މެންބަރު ގައުމުތަކުން އިއްތިފާގުވާނެ މަގެއް ހޯދުމުގެ މަސައްކަތް ދިގުލާ ގޮސްފައި ވާ ކަމަށާ، މިކަމުގައި، އަވަސް ފުރުސަތެއްގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ މާނައާ މެދު، ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން، އާންމު ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާއިރު، މިފަހަރުގެ ޖަލްސާއަށް މެންބަރު ގައުމުތައް ހާޒިރު ކުރެވިދާނެތޯ ވިއޯން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، މިކަމުގައި ގެންގުޅުއްވާނީ 1+1 ފޯމިއުލާ ކަމަށެވެ. އެއީ ކޮންމެ ގައުމަކުން 1 މަންދޫބު އަދި އިތުރު އެކަކު ހޯލްގައި ބައިވެރިވެގެން ބައްދަލު ކުރާ އުސޫލު ކަމަށާ، މިއީ ބައްދަލުވުމުގެ ބައިވެރިންގެ އަދަދު، އިންތިހާއަށް މަދު ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި މިކަމާ ބެހޭ ގޮތުން އދގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

އދގެ 76 ވަނަ އާންމު މަޖިލިސް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އާންމު މަޖިލީހާއެކު އޮންނަ ފުރަތަމަ އާންމު ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 14-30 އަށެވެ.