ހަމައެކަނި ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަކީ މިވަގުތަށް އެންމެ ފައިދާހުރި ގޮތްނަމަވެސް، ދުރު ވިސްނައިގެން ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ކަންކަން ރާވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދެ ބާރުގެ އިސްވެރިން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުމަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު މިއަދު ވަނީ ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސްކޮށްފައެވެ.

އެގޮތުން އެ ބިލުގެ އިބްތިދާއީ ބަހުސްގައި އާޒިމް ވިދާޅުވީ ދައުލަތުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެނީ ހަމައެކަނި ތިން ބާރުގެ ވެރިންނަށް ނޫން ކަމަށާއި އެގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވެރިންނަކީ ވެސް ހިމާޔަތް ދޭން ޖެހޭ ފަރާތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް ކޮންމެ ވެރިޔަކަށް ވަކި ތަނެއް ހަމަޖެއްސުމަކީ ހަރަދުބޮޑު ކަމަކަށް ވާނެ ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އެހެެންވީމާ ދައުލަތުން އަނެއްކާވެސް ތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި، އަޅުގަނޑުގެ ހިޔާލަކީ އަޅުގަނޑުގެ ވިސްނުމަކީ ވަކި ސަރަހައްދެއް، އަޅުގަނޑުމެން ހިމާޔަތާ ރައްކާތެރިކަން ދޭންޖެހޭ ފަރާތްރަކަށް، ވަކި ސަރަހެއްދެއް، ސަރުކާރުން، ދައުލަތުން ބިލްޑް ކޮށްފައި އިމާރާތް ކޮށްފައި އެފަރާތްތަކަށް ބަހައްޓާފައި، އެފަރާތްތަކުގެ މުއްދަތު ހަމަވެ ނިމުނީމާ، އެތަނަށް ވަނުމާ ނުކުތުން އޮންނާނީ އަބަދުވެސް އެގޮތަށް ކަމަށް ހަދަން،
އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އާޒިމް ވަނީ ވެރިންނަށް ހާއްސަ ތަނެއް ކަނޑައަޅާފައި ވާނަމަ، އެނޫން ތަނެއްގައި ދިރިނޫޅެވޭނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކުރަން ފެންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ ހަމައެކަނި ތިން ބާރުގެ ވެރިންނަށް ހިމާޔަތާ ރައްކާތެރިކަން ދިނުމަކީ މިވަގުތަށް ހައްލަކަށް ވީނަމަވެސް ކަމެއް ހައްލުކުރާ އިރު، ދުރުވިސްނައިގެން ދާއިމީ ހައްލެއް އަންނާނެ ގޮތަށް ކަންކަން ކުރަންޖެހޭ ކަމަށެވެ.

ދައުލަތުގެ އަނެއް ދެ ބާރުގެ އިސްވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމަވާފައިމިވަނީ މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނިކޮށެވެ.