އަވަށްޓެރި އިންޑިއާގެ ޕޫނާ ސިޓީގެ ރަށްބޭރުގައި ގާއިމު ކޮށްފައިވާ ކެމިކަލް ޕްލާންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު، އިމާރާތުގެ ތެރޭގައި 37 މުވައްޒަފަކު ތާށިވެފައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. ތާށިވި މީހުން ސަލާމަތް ކުރުމަށްޓަކާ، ކެމިކަލް ޕްލާންޓްގެ ފާރުތަކެއް ތަޅާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، އެސްވީ އަކުއާ ޓެކްނޮލޮޖީޒްގެ ޕްލާންޓެއްގައެވެ. މި ކުންފުންޏަކީ، ކްލޯރިން ޑައިއޮކްސައިޑްގެ އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނީގެ އުފެއްދުންތައް އާންމު ގޮތެއްގައި ހާއްސަ ވަނީ، ފެނަށް ބޭނުންވާ އެކި ކަހަލަ ޓްރީމަންޓްތަކަށެވެ.

މި ހާދިސާއާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ މަރުވި މުވައްޒަފުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އާއިލާތަކަށް ބަދަލުގެ ގޮތުގައި 200000 ރުޕީޒް ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޒަހަމްވީ މީހުންނަށް ބަދަލެއްގެ ގޮތުގައި 690 ޑޮލަރު ދެއްވާނެ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ހާދިސާ ހިނގި މަހާރާޝްތުރާ ސްޓޭޓްގެ ސަރުކާރުންވެސް ވަނީ ހާދިސާގެ ޝިކާރައަކަށްވީ މީހުންގެ އާއިލާތަކަށް 6800 ޑޮލަރުގެ ބަދަލެއް ދޭނެ ކަމަށް ބުނެފައެވެ.