އަދާ ޖެހުނުއިރުވެސް އަސްލު ދެނެގަނެވިފައި ނުވާ ވައިރަހަކުން މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލާ ބެހޭ މައުލޫމާތު ހާމަ ކުރުމަށް، ޗައިނާއަށް މަޖުބޫރު ކުރުމުގެ ބާރެއް، އެ ޖަމިއްޔާގެ އިހުތިސޯސްގެ ތެރޭގައި ނެތް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޑަބްލިއުއެޗްއޯގެ އެމާޖެންސީސް ޕްރޮގްރާމް ޑައިރެކްޓާ، ޑރ މައިކް ރާޔަން ވިދާޅުވީ، މި މޭރުމުން އެއްވެސް ގައުމަކަށް ކަމެއް މަޖުބޫރު ކުރުމުގެ ބާރެއް، ޑަބްލިއުއެޗްއޯއަށް ލިބިގެން ނުވާ ކަމަށެވެ. ނަމަވެސް، ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ހިންގާ ދިރާސާތައް، އަނެއް ހަރުފަތަށް ގެންދިއުމަށް ހުށަހެޅުންތަކެއް ހުށަހަޅުއްވާނެ ކަމަށް ޑރ ރާޔަން ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން ޑރ ރާޔަން ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ހުރިހާ މެންބަރަކުންނަކީވެސް އެންމެ ފުރިހަމައަށް އެއްބާރުލުން ދޭ ގައުމުތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލާ ބެހޭ ގޮތުން މައިގަނޑު 2 ފިކުރެއް ވަނީ އާންމުވެފައެވެ. އެއް ގޮތަކީ ޖަނަވާރެއްގެ ކިބައިން އިންސާނުންނަށް ބަލި ފޯރުން ކަމަށް ވާއިރު، އަނެއް ގޮތެއް ކަމަށް ބުނަނީ، ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ލެބުން، ވައިރަސް ލީކުވުމެވެ.
ޗައިނާއިން ދަނީ ކޮވިޑް-19ގެ އަސްލާ ގުޅިގެން އެ ގައުމަށް އަމާޒު ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި ކޮވިޑް-19އަކީ އެހެން ގައުމަކުން ޗައިނާއަށް އިމްޕޯޓްވި ބައްޔެއް ކަމަށް ވުމުގެ ފުރުސަތުވެސް އޮތް ކަމަށް ޗައިނާއިން ވަކާލާތު ކުރެއެވެ.