ބެޗެލާޒް ޑިގްރީ ނުވަތަ ފުރަތަމަ ޑިގްރީ ހާސިލު ކުރުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ނަމަވެސް ބައެއް މީހުންނަށް، މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސީ އެތައް އަހަރެއް ފަހުންނެވެ. ކަން މިހެން އޮތް ނަމަވެސް، ވަރުގަދަ އަޒުމަކާ އުއްމީދެއް އޮވެއްޖެނަމަ، އަދި ގަދައަޅާ މަސައްކަތް ކުރަން ކެރިއްޖަނަމަ، މިއީ، ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހަގީގަތަށް ހެދިދާނެ ހުވަފަނެއްކަން ސާބިތު ކޮށްދިން އެކަކީ، ސައުދީއަށް ނިސްބަތްވާ މަންމައެކެވެ.

މިފަދަ އެއް ވާހަކަ ހިއްސާ ކުރި އެކަކީ، އީދާ އަލް-ރަޝީދީއެވެ. މަތީ ތައުލީމު ހާސިލު ކުރުމަށް ހިތުގައި އޮތް ވަރުގަދަ އަޒުމާ، ދެކެމުން ދިޔަ ފޮނި ހުވަފެންތައް އޭނާ ހަގީގަތަކަށް ހެދިއެވެ. ކުރިމަތިވި އެތައް ގޮންޖެހުންތަކެއް ކަޑަތު ކުރީ، ހިއްމަތާއި މިންނެތް މަސައްކަތުންނެވެ. މަންޒިލަށް ވާސިލުވެވުނުއިރު، އީދާއަށް ލިބުނު މޭވާގެ ފޮނިކަން ދެގުނަ އިތުރެވެ.

މިދިޔަ ހުކުރު ދުވަހު، ޝަގްރާ ޔުނިވަސިޓީއިން އީދާ ގްރެޖުއޭޓްވީ، އޭނާގެ އަންހެން ދަރިފުޅު، އަރީޖާވެސް އެކުގައެވެ.

"އަހަރެންގެ 5 އަންހެން ދަރިންނާ، މާމަ ކިއާ 3 ފިރިހެން ދަރިން ތިބޭ. ދިރިއުޅުމުގެ ހުރިހާ ގޮންޖެހުން ތަކަކާ އެކުގައިވެސް، އަހަރެން އެންމެ ކުޑައިރުއްސުރެ ކުރަމުން އައި އުއްމީދު ހާސިލު ކުރިން، ބެޗެލާޒް ޑިގްރީއެއް ހާސިލު ކުރީ. ދަރިފުޅާ އެކީ ކިޔެވީ ވަރަށް ވާދަވެރިކޮށް. މުބާރާތެއް ހެން" އީދާ ބުންޏެވެ.

ޔުނިވާސިޓީ ތައުލީމު ހާސިލުކުރުމަށް އީދާ ދަފުތަރުވީ، ސާނަވީ ތައުލީމުގެ ބައި، ގޭގައި ފުރިހަމަ ކުރުމަށްފަހުގައެވެ. މިކަމުގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެ ދިނީ އޭނާގެ ފިރިމީހާއާއި ދަރިންނެވެ. ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނުއިރު، ކުރެވޭ އިހުސާސްތައް ބަޔާންވެސް ކޮށްދޭން ނޭނގޭ ކަމަށް އީދާ ބުނެއެވެ.

އަރީޖުވެސް އިނީ ހަމަ އެހާ އުފަލުންނެވެ. އޭނާގެ މަންމައަށް ލިބުނު ސަނަދަކީ، އަރީޖަށްވެސް ލިބުނު އިންތިހާ އުފަލެއް ކަމުގައި އޭނާ ދެކެއެވެ. ދަރިން ޅައިރު، އެ ދަރިންނަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދެން، ރޭގަނޑުގެ ވަގުތުތަކުގައިވެސް ނުނިދާ، ހޭލާ މަންމަ ހުންނަ ހަނދާން ވާ ކަމަށް އަރީޖު ބުނެއެވެ.

އާއިލާ މެންބަރުންގެ އިތުރުން، ޔުނިވާސިޓީގައި އެކު އުޅުނު ހުރިހާ އެންމެނަށްވެސް މިއީ އުއްމީދު އާ ކުރަނިވި އުފާވެރި މުނާސަބާއަކަށް ވިއެވެ. އަދި މަތީ ތައުލީމުގެ ފޮނި ހުވަފެންތައް ދެކެމުން އަންނަ އެތައް މައިންނެއްގެ ދަންމަރުގައި އުއްމީދުގެ ހުޅުކޮޅު ރޯކޮށްލަ ދޭނެ ކަމަކަށް، މިކަން ވާނެ ކަމަށް ގަބޫލުކުރެވެއެވެ.