ފާއިތުވި އަހަރު ސިފަވެގެން ގޮސްފައިވަނީ ބަލިމަޑުކަމާއި، ނުތަނަވަސްކަމާއި، އުއްމީދު ގެއްލިފައިވާ އަހަރެއްގެ ގޮތުގައި ކަމަށް ވާއިރު، "ތަފާތު ނޯމަލް" އަކާ ދިމާއަށް މިސްރާބު ޖަހަންޖެހޭ ކަމަށާ، އެ މަންޒިލަށް ވާސިލުވުމަށް އޭނާގެ ދަތުރު ހޭރިޔާ ކޮށްފައި ހުރީ އުއްމީދުގެ 5 ދޯއްޖަށް ވާސިލުވުމަށް ކަމަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި ރޭ އިރާކޮޅު ކުރިއަށް ދިޔަ، 76 ވަނަ ޖަލްސާގެ ރިޔާސަތު ކަނޑައެޅުމުގެ އިންތިހާބު، 143 ވޯޓުގެ އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވުމަށްފަހު، 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، އދގެ ހޯލްގައި ކުރެއްވި ފުރަތަމަ ތަގުރީރުގައެވެ.

ދިވެހިންގެ ފަހުރުވެރި ދިވެހި ބަހުން ތަގުރީރު ފައްޓަވަމުން ޝާހިދު ވިދާޅުވީ، އދގެ މަޖިލީހުގައި އެ އުފުއްލަވަނީ ދިވެހި ރައްޔިތުންގެ އަޑު ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ފޮރިން މިނިސްޓްރީ

އުއްމީދުގެ ރިޔާސަތެއްގެ ގޮތުގައި ދައުރު ސިފަކުރައްވަމުން ޝާހިދުގެ ޒައާމަތުގައި ހާސިލު ކުރައްވަން އަމާޒު ހިއްޕަވާފައިވާ 5 ދޯދީގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް އެންމެނަށް އިންސާފުން ވެކްސިން ފޯރުކޮށްދެއްވުމަށް ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލު ކުރުން ކަމަށް ވާއިރު، 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދުނިޔޭގެ ގޮވާލުންތަކަށް ފެހި އަދި ނޫ އުސުލެއްގެ ތެރެއިން އިޖާބަ ދިނުމެވެ.

އިންސާނިއްޔަތުކަމަކީ ހުރިހާ ކަމެއްގެ އަސާސް ކަމުގައި ވާންޖެހޭ ކަން ބަޔާން ކުރައްވާ، ޝާހިދު ވިދާޅުވީ، 4 ވަނަ ކަމެއްގެ ގޮތުގައި އެންމެ އިސްކަމެއް ދެއްވާނީ ހުރިހާ އެންމެންގެ ހައްގުތަކަށް އިހުތިރާމް ކުރެއްވުމަށް ކަމަށެވެ. އަދި މިފަދަ ކަންކަން ހާސިލުކުރުމަށް އދގެ ދައުރު މުހިންމު ވާއިރު، އދގެ ރޫހު އިޔާދަ ކުރުމަކީ، ހާސިލު ކުރައްވަން ބޭނުންވާ 5 ވަނަ އުއްމީދުގެ ދޯދި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގެ ކެންޑިޑޭޓް ޒަލްމޭ ރަސޫލާ ވާދަކުރައްވާ، ބޮޑު ތަފާތަކުން އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށްފަހު ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން ކަމަށާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތަކީ ދުނިޔެ ގަބޫލުކޮށްފައިވާ ސިޔާސަތެއްކަން އަންގައިދޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

1965 ވަނަ އަހަރު އދގެ މެންބަރުކަން ދިވެހި ރާއްޖެއަށް ލިބުނު ފަހުން، އާންމު މަޖިލީހުގެ ރިޔާސީ ގޮނޑި، ދިވެހި ރާއްޖެއަށް ކަށަވަރުވަރުވި މިއީ ފުރަތަމަ ފަހަރެވެ.

އދ ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ކާމިޔާބު ކުރެއްވުމަށް ފަހު ފޮރިންމިނިސްޓަރު އދ ގައި ވާހަކަ ދައްކަވަނީ

އޭރުވެސް އަދި މިހާރުވެސް ދިވެހި މިޝަންއަކީ ކުޑަ މިޝަންއެއް ކަމަށާ، ތިބީ މަދު ޑިޕްލޮމެޓުން ތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވަސީލަތްތައްވެސް އެހާމެ މަދު ކަމަށާ، ނަމަވެސް ދިވެހިން ސާބިތުވެ ތިބީ ވަރުގަދަ އަޒުމަކާއި ވަރުގަދަ ރޫހެއްގައި، ދިވެހިން ގަބޫލު ކުރާ ހެޔޮ ގޮތް މަތީގައި ކަމަށް ޝާހިދުގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ. ދިވެހި މިޝަންއިން އަބަދުވެސް މަސައްކަތް ކުރަމުން ދިޔައީ އަދަށްވުރެ ފަހި މާދަމާއަކަށް ކަމަށާ، މިއަށްވުރެ ރަނގަޅު ދުވަހަކަށް އުންމީދު ކޮށްގެން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، ވަރުގަދަ ރޫހެއްގައި، ނުގުޑާނެ އަޒުމާއި އުއްމީދުގައި ސާބިތުވެ ތިބުމަކީ ދިވެހިންގެ އުސޫލު ކަމަށެވެ. މިއީ ދިވެހިންގެ ސަގާފަތުގެ އަސާސް ކަމަށާ، ޕްރެސިޑެންސީ އޮފް ހޯޕް އާއި އެކު ގެންނަން ބޭނުންވަނީ މި އަސާސްތައް ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި އދގެ އާންމު މަޖިލީހަށް މިއަދު ބޭނުންވެފައިވަނީ މިފަދަ، ވަރުގަދަ ރޫހާއި ނުގުޑާނެފަދަ އުއްމީދެއް ކަމަށްވެސް 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް، ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދގ އާންމު މަޖިލީސް ނުވަތަ ޖެނެރަލް އެސަމްބްލީގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނޭ ކަމުގެ ޔަގީންކަން، ޝާހިދު ވަނީ ދެއްވާފައެވެ. އަދި ޖިންސީ ހަމަހަމަ ކަމަށް ވަކާލާތްކުރައްވާ، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލައްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މި މޭރުމުން ޝާހިދު އިތުރަށް ވިދާޅުވީ، ޖެނެރަލް އެސްމްބްލީގެ ރައީސެއް ގޮތުގައި ހުންނަވާ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ނެތް އެއްވެސް ޕެނަލްއެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަކީ ކޮންމެ ދައުރަކަށްވެސް ބަދަލުވާ ރިޔާސަތެކެވެ. މި ފަހަކަށް އައިސް ރިޔާސަތު ބަދަލު ކުރަމުން ދަނީ ގައުމުތައް އެތުރިފައިވާ ޖިއޮގްރަފީއަށް ނިސްބަތް ކޮށެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އދގައި / ފޮޓޯ: ޓްވިޓާ

އދގެ 76 ވަނަ އާންމު މަޖިލިސް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އާންމު މަޖިލީހާއެކު އޮންނަ ފުރަތަމަ އާންމު ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 14-30 އަށެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު، ޝާހިދު ކަށަވަރު ކުރައްވާފައި ވާއިރު، ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައިވެސް ހުންނަވާނީ ޝާހިދު ކަމަށް، ދަ ޕްރެސްއިން ކުރި ސުވާލަކަށް ދިވެހި ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިކަމާ ބެހޭ އިތުރު ތަފްސީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި ލިބެމުން ދާނެ ކަމަށްވެސް ދިވެހި ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.