ކޮވިޑް ބައްޔަށް ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ފަރުވާ ހޯދަމުން ދިޔަ 2 މީހަކު އިއްޔެ މަރުވެފައިވާ އިރު ބުދަ ދުވަހު ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ 341 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 160 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 153 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 28 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 15،621 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކޮވިޑް ޖެހުނު 69،213 މީހުންގެ ތެރެއިން 53،392 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 191 އަށް އަރާފައެވެ.

އެޗްޕީއޭއިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ޖުމްލަ މަރުވެފައި ވަނީ 2 މީހުންނެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި 94 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މަރާއެކު މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މި ވަނީ 30 އަށް އަރާފައެވެ. އަހަރު ތެރޭ މިހާތަަނަށް 143 މީހަކު މަރުވެފައިވާ އިރު މިދިޔަ އަހަރު މި ބަލީގައި ވަނީ 48 މީހަކު މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް 191 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

އިއްޔެ މަރުވި މީހުންގެ ތަފްސީލް:

 • 190 ވަނަ މަރު: 77 އަހަރުގެ ދިވެއްސެއް
  • މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ
  • މަރުވެފައި ވަނީ މިއަދު ހެނދުނު 9:50 ގައި
 • 191 ވަނަ މަރު: 94 އަހަރުގެ ދިވެއްސެއް
  • މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ
  • މަރުވެފައި ވަނީ މިއަދު ހެނދުނު 10:50 ގައި
ކޮވިޑް ބަލީގައި މަރުވި މީހަކު ވަޅުލަން ގެންދަނީ

2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް: 143

 • ޖޫން 2021 - 30 މަރު
 • މެއި 2021 - 88 މަރު
 • އޭޕްރީލް 2021 - 6 މަރު
 • މާޗް 2021 - 5 މަރު
 • ފެބްރުއަރީ 2021 - 10 މަރު
 • ޖެނުއަރީ 2021 - 4 މަރު

މިދިޔަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވާއިރު އެ މަހުގެ 27 ވަނަ ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 459 ދުވަސް ވެފައި ވާއިރު މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މަހުއެވެ. މި ދިޔަ މަހު 88 މީހަކު މަރު ވެފައި ވާއިރު، އޭގެތެރއިން 52 މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.

އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.

މާލެ މަގުމަތި / ފޮޓޯ: ދަ ޕްރެސް

މި މަހު މިހާތަނަށް ޖުމްލަ 4476 ކޭސް އަދި 28 މަރު

 • ޖޫން 1: 768 ޕޮޒިޓިވް، 8 މަރު
 • ޖޫން 2: 704 ޕޮޒިޓިވް، 2 މަރު
 • ޖޫން 3: 648 ޕޮޒިޓިވް، 2 މަރު
 • ޖޫން 4: 432 ޕޮޒިޓިވް، 3 މަރު
 • ޖޫން 5: 590 ޕޮޒިޓިވް، 6 މަރު
 • ޖޫން 6: 412 ޕޮޒިޓިވް، 3 މަރު
 • ޖޫން 7: 552 ޕޮޒިޓިވް، 3 މަރު
 • ޖޫން 8: 370 ޕޮޒިޓިވް، 1 މަރު
 • ޖޫން 9: 341 ޕޮޒިޓިވް، 2 މަރު

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު 9 ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 4817 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 30 އަށް އަރާފައެވެ.

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 67،000 އިން މައްޗަށް ގޮސްފައެވެ.