ދަރިމައިވާ ނިސްބަތް ކޮންޓްރޯލް ކުރުމަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ސިޔާސަތުތަކުގެ ސަބަބުން، ދެކުނު ޝީންޖިއާންގް ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާއި، އެނޫންވެސް ނަސްލުތަކުގެ އާބާދީ. ކުރިއަށް އޮތް އަހަރުތަކުގައި އެތައް މިލިއަނަކުން ދަށަށް ދާނެ ކަމަށް ދިރާސާއެއް ބުނެފިއެވެ.

ޖަރުމަނުވިލާތުގެ ރިސާޗަރެއް ކަމަށްވާ އޭޑްރިއަން ޒެންސް އެކުލަވާލާފައިވާ ދިރާސާ ބުނާ ގޮތުގައި، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ވީގޫރު ދަރިކޮޅާއި އެނޫންވެސް ދަރިކޮޅުތަކަށް އަލަށް ކުދިން އުފަންވާ މިންވަރު، 2.6 މިލިއަނާއި 4.5 މިލިއަނާ ދެމެދު މިންވަރަކަށް ދަށަށް ދާނެއެވެ.

ކަން މިހެން އޮތްއިރު ޝީންޖިއާންގް އާބާދީ މިހާރުވެސް ދަނީ ދަށަށް ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން، 2017 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު، ޝީންޖިއާންގްގެ އާބާދީ، 48.7 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މި ދަނޑިވަޅަކީ، ޗައިނާގެ ޝީންޖިއާންގްގައި ޗައިނާގެ ސަރުކާރުން ގަތުލުއާންމު ހިންގާފައިވޭތޯ ބެލުމުގެ ތަހުގީގު ހިންގުމަށް، ހުޅަނގުގެ ބާރުތަކުން ގޮވާލަމުންދަ ދަނޑިވަޅެކެވެ.

ޒެންޒްގެ ހޯދުންތަކަށް ބަލާއިރު، ޗައިނާގެ ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ދެކުނު ޝީންޖިއާންގްގައި ދިރިއުޅޭ ހާން ޗައިނީޒް ދަރިކޮޅުގެ އާބާދީ، 8.4 ޕަސެންޓުން 25 ޕަސެންޓަށް އިތުރު ވާނެއެވެ. ޒެންޒް ބުނާ ގޮތުގައި، މި އަމާޒު ހާސިލުވާން އޮތް ހަމައެކަނި ގޮތަކީ، މިހާރުވެސް ޗައިނާއިން އަމަލު ކުރަމުން ދާ ފަދައިން، ވީގޫރު ދަރިކޮޅުގެ މީހުން ވިހާ ނިސްބަތް ދަށްކުރުމެވެ.

ނަސްލު ދޮވެލުމުގެ ޖަރީމާ ހިންގާ ކަމުގެ ތުހުމަތުތަކަށް ޗައިނާގެ ސަރުކާރުން އިންކާރު ކުރެއެވެ. ޗައިނާއިން ހުއްޖަތެއް ކަމުގައި ބުނަމުންދަނީ، ދަރިން ހޯދުމަށް ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ކޯޓާ ހަމަވުމުގެ ސަބަބުން، އަދަދުތައް ދަށް ވަނީ ކަމަށެވެ.

ޒެންޒްގެ ދިރާސާއާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ، ޒެންޒްއަކީ ހަގީގަތް އޮޅުވާލަން އުޅޭ މީހެއް ކަމަށާ، އޭނާގެ ދައުވާތަކަށް ރައްދު ދިނުން ހައްގު ނޫން ކަމަށެވެ.

ނަމަވެސް ސެންޓްރަލް އޭޝަން ސާވޭއިން ވަނީ، މި ކުއާޓަރުގެ އިލްމީ ޖާނަލްއެއްގެ ގޮތުގައި، ޒެންޒްގެ ދިރާސާ ބަލައިގެންފައެވެ.