ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމުގެ ގޮތުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީގައި ސުވާލުކުރުމަށް 40 ސިައިންގެ ބޭފުޅުންގެ ލިސްޓެއް އެކުލަވާލައިފައި ނުވާކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮމިޓީން ސުވާލުކުރަން ބޭނުންވާ ސިފައިންގެ 40 ބޭފުޅެއްގެ ވާހަކަ ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް އެފަދަ ލިސްޓެއް އޭނާއަށް އެނގިވަޑައިގެން ކޮމިޓީގައި އެކުވަލަވާލާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ މަރުހަލާގައި އެމްއެންޑީއެފް އަށް ނިސްބަތްވާ 29 ބޭފުޅަކާ ސުވާލުކުރަން ލިސްޓެއް އެކުލަވާލެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެ ލިސްޓަކީ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތަކުން އަދަދުތަކަށް ބަދަލު އަތުވެދާނެ ލިސްޓެއްކަމުގައި ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
އެންމެ ފުރަތަމަ ނިންމީ ދަށުގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކާ ސުވާލުކުރަން ކަމަށާ އެހެން ނަމަވެސްް މިހާރު މި ފެށީ މަތީ ރޭންކުތަކުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ސިފައިންގެ އިތުރުން ފުލުހުންނާ ވެސް މި އިންކުއަރީއަށް ސުވާލުކުރާނެ ކަމަށް އަސްލަމް ވިދާލުވިއެވެ. އެގޮތުން ޖުމުލަ 7 ފުލުހަކަށް ސުވާލުކުރުމަށް ނިންމާފައިވާ ކަމަށާ، މި އަދަދުތަކަށް އަދި ބަދަލު އައިސްދާނެ ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.
ކޮމިޓީގެ އިންކުއަރީގައި މިހާތަނަށް ސިފައިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފާ ވަނީ ސުވާލުކުރައްވާފައެވެ. އަދި ފުލުހުންގެ ތެެރެއިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްގެ އިތުރުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއާ ވެސް ކޮމިޓީން ވަނީ ސުވާލުކުރައްވާފައި ވެއެވެ.
އަސްލަމް މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް ކޮމިޓީން ވަރަށް އަވަހަށް ސުވާލުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވެސް ސުވާލުކުރަންޖެހޭ ކަމަށެވެ.