ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން 25 ތަނެއް ބަލާ ފާސްކޮށް، 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު ފުލުހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި 25 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ޝިފާއު ވަނީ ވިދާޅުވެފައެވެ.
ޝިފާއު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނީ ސީދާ ނަޝީދަށް ހަމަލާދިން މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހަކާއި ހަރުކަށި ފިކުރާ ގުޅިގެން ހައްޔަރުކުރި 10 މީހަކު ކަމަށެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް މިއަދަށް މަހެއް ވީއިރު، މި ހަމަލާގައި ސީދާ ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައިވެއެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.
ފުލުހުން އަންނަނީ ނަޝީދަށް ދިން ހަމަލާއާ ހަރުކަށި ފިކުރާ ގުޅުމެއްވޭތޯ ބަލަމުންނެވެ. އެގޮތުން ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު 14 މީހުން ހައްޔަރުކޮށްފައިވާއިރު 9 މީހުން ހައްޔަރުކޮށްފައިވަނީ އައްޑޫގައި ހިންގި އޮޕަރޭޝަންތަކަކުންނެވެ. އަދި މާލެއިން 5 ތަނެއް ފުލުހުން ބަލައި ފާސްކޮށް އެ ތަންތަނުން ހަރުކަށި ފިކުރާ ގުޅޭ ލިޔެކިޔުމާއި ޑިޖިޓަލް ބައެއް އާލަތްތައްވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.